ސަރުކާރުގެ އަމާޒަކީ ޒުވާނުން ބާރުވެރިކުރުވުމާއި، ހީވާގި އުފެއްދުންތެރި އަދި އަހުލުވެރި ރައްޔިތުންތަކެއްގެ ގޮތުގައި ގައުމުގެ ކުރިއެރުމުގައި ޒުވާނުންގެ ދައުރު އިތުރަށް ފުޅާކުރުން ކަމަށް ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މިނިސްޓްރީގެ މެންޑޭޓަށް އިތުރުވި ބައެއް މުހިންމު ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޒުވާނުންގެ ތަރައްގީގެ ގައުމީ ސިޔާސަތު ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ސިޔާސަތުތައް ތަންފީޒުކުރުމަކީ މިހާރު މިނިސްޓްރީގެ މުހިންމު ޒިންމާއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޒުވާނުންނަށް ކުރިމަތިވާ ނަފްސާނީ އަދި އިޖުތިމާއީ ތަފާތު މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
”ޒުވާނުންނަށް ކުރިމަތިވާ ތަފާތު މައްސަލަތަކުގައި ކައުންސެލިންގގެ ހިދުމަތް ދިނުމާއި އެކިއެކި ގޮތްގޮތުން ޒުވާނުންނަށް ބޭނުންވާ ކަންކަމުގައި ދެވެން އޮތް ފުރުސަތުތައް އިތުރަށް ފުޅާކޮށް އެހީތެރިކަން އިތުރުކުރުން“ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމަށް ރާފިއު ވިދާޅުވިއެވެ.
މީގެ އިތުރުން، އުފެއްދުންތެރި އަދި ފުދުންތެރި ދިރިއުޅުމެއް ހޯދުމަށް ޒުވާނުންނަށް ބާރުއަޅައި، އިގްތިޞާދީ ގޮތުން ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާއި، ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކަށް ޒުވާނުން ހޭލުންތެރިކުރުވުމަކީ ވެސް ސަރުކާރުގެ އިސްކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ރާވައި ހިންގުމާއި، އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ޒުވާނުންގެ ފަރާތުން ޒުވާނުންނަށް އެޑްވޮކަސީއާއި މައުލޫމާތު ދިނުމުގެ ފޯރަމްތައް ބޭއްވުމާއި، ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

