މިހާ ހިސާބަށް އައިއިރު ދައުލަތުން 800 މިލިއަން ޑޮލަރު ހުރީ ސޫކުތަކަށް ދައްކާފައި ކަަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤް ވިދާޅުވެއްޖެއެވެ.
މެމްބަރު މިކަން ހާމަކުރެއްވީ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ތޯރިޤް ވިދާޅުވީ ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓު ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހު ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވަނީ އެ ފާސްކުރާ ގޮތަށް ކަމަށެވެ. ދައުލަތުގެ ބަޖެޓު ނަހަމަ ގޮތުގައި ބޭނުންކުރާ ވާހަކަ ދައްކާއިރު، ރާއްޖޭން ބޭރަށް ސަރުކާރުން ދައްކާފައިވާ ސުކޫކުގެ ވާހަކަވެސް ދައްކަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ މިއީ ގައުމެއްގެ ހަޔާތުގައި ދިމާވާނެ އެންމެ ނާޒުކު ދަނޑިވަޅު ކަމަށެވެ. އެގޮތުން އޭޕްރިލް މަހުގެ 8 ވަނަ ދުވަހުގެ ކުރިން 524 މިލިއަން ޑޮލަރުގެ ސުކޫކް، ބޭރުން އިތުރު ދަރަންޏެއް ނުނަގައި ދައްކާފައިވާ ކަން އޭނާ ހާމަކުރެއްވިއެވެ. އަދި މިހާ ހިސާބަށް އައިއިރު ޖުމްލަ 800 މިލިއަން ޑޮލަރު ސޫކުތަކަށް ދައްކާފައިވާ ކަމަށް ތޯރިޤް ވިދާޅުވިއެވެ.
އެ ސުކޫކު ތަކަކީ ރައީސް ޔާމީނާއި އަދި ރައީސް ސޯލިހްގެ ދައުރުގައި ނެގި ސުކޫކުތަކެއް ކަން ތޯރިޤް ވަނީ ފާހަގަކުރައްވާފައެވެ. ”700 މިލިއަން ޑޮލަރަކީ 30 ރަށެއްގެ ބަނދަރު ހެދޭހާ ފައިސާ، އަދި ބޮޑު 3 ނުވަތަ 4 ރަށެއްވެސް ހިއްކޭހާ ފައިސާ“ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވަނީ ޑޮލަރުގެ އަގުތަކާއި ގުޅިގެން ވެސް ވާހަކަ ދައްކާފައެވެ. ޑޮލަރުގެ ކަންކަމުގައި ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް ވެސް އުނދަގޫ ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެއީ 524 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމަށް ދިވެހި ދައުލަތަށް މަޖުބޫރުވި ނިންމުމެއް ކަމަށް ވެސް ތޯރިޤް ވިދާޅުވިއެވެ.

