އިދިކޮޅު އެމްޑީޕީން ސަރުކާރަށް ކުރާނެ އެއްވެސް ޑިމާންޑެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ، އެމްޑީޕީން ސަރުކާރަށް ޑިމާންޑުކުރާކަށް އެއްވެސް ޖާގައެއް ނެތް ކަމަށާއި، މިހާރު މި ދައްކާ ޑިމާންޑުތަކުގެ ވާހަކައަކީ މާޒީގައި ވެސް ދެއްކެން އޮތް ވާހަކަތަކެއް ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އެމްޑީޕީން ކޮންމެ ވާހަކައެއް ވެސް ދައްކަނީ އޮޅުވާލައިގެންނެވެ. ވަކިން ހާއްސަކޮށް ރިފަރެންޑަމް ވޯޓުގެ ނަތީޖާގެ ވާހަކަ އެބޭފުޅުން ދައްކަވަނީ ރައްޔިތުންނަށް އޮޅުވާލައިގެން ހޯދި ނަތީޖާއަކަށް ބިނާކޮށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ޝަރީފް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ގައުމުގެ ހައްގުގައި އެބޭފުޅުން ގޮސް ގެއަށް ވަނުން ކަމަށާއި، މި ސަރުކާރު ވެރިކަމަށް އައިއިރު ގައުމުގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ.
ގާނޫނީ ވެރިކަމެއް ވައްޓާލަން ނުކުތުމަކީ ބަގާވާތްކުރުން ކަމަށް ސިފަކުރައްވަމުން ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ހުންނެވޭ ތަނެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމަނިކުފާނު ހުންނަވާ ތަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެމްޑީޕީން އެމަނިކުފާނަށް ކަންތައް ކުރި ގޮތް އަދިވެސް ހިތްޕުޅުން ފިލައިގެން ނުދާކަން ސާފުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ފައްޔާޒް އިސްމާއިލަކީ އެމްޑީޕީގެ ތެރޭގައި މުޅިން ފެއިލްވެފައިވާ ބޭފުޅެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ ޕާޓީގެ އެތެރޭގެ މަސްލަހަތު ނުހިފެހެއްޓިގެން އިސްތިއުފާ ދެއްވި ބޭފުޅަކު ގައުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް ގެނައުމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ރައީސް ނަޝީދު ފައްޔާޒަށް ސިފަކޮށްދެއްވަނީ ބޮޑުވަޒީރުގެ ގޮތުގައި ކަމަށާއި، އެކަމުގައި ނަޝީދުގެ އަމާޒު ވަރަށް ސާފު ކަމަށް ވެސް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރައީސް ނަޝީދަކީ ތަހުޒީބީ ދުނިޔޭގައި ކަން ހިނގާ ގޮތް އެނގޭ ބޭފުޅެއް ކަމަށާއި، އެމްޑީޕީގެ ތެރޭގައި ހުރި ހަމައެކަނި ”ފެންކެނޑޭ“ ބޭފުޅަކީ އެއީ ކަމަށެވެ. މީގެ އިތުރުން މިއަދުގެ ސަރުކާރު ހިންގަނީ ކުރީގެ ވެރިކަންތަކާ ތަފާތުކޮށް ކަމަށާއި، މިއަދުގެ ރައީސަކީ ފިނި ކޮޓަރީގައި ރައްޔިތުންނަށް ފިލައިގެން އިންނަވާ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގާތުން އަޑުއައްސަވާ ބޭފުޅެއް ކަމަށާއި، ދައުލަތް ހިންގުމުގައި ރައްޔިތުންގެ އިހުސާސްތަކަށް އިސްކަންދެއްވާ ކަމަށެވެ.

