ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2026 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ނެރުނު މާލީ ނަތީޖާއަކީ، ޖެހިޖެހިގެން ދެ އަހަރު ރެކޯޑް މިންވަރަކަށް ބޭންކަށް ލިބުނު ކުރިއެރުމަށްފަހު، ބޭންކުގެ މާލީ ހާލަތު ވަރުގަދަކަން ހާމަކޮށްދޭ ނަތީޖާއެކެވެ. ބޭންކުގެ 43 އަހަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި 2025 ވަނަ އަހަރު ނިންމާލުމަށްފަހު، މާލީ އާ އަހަރާ ބޭންކުން ކުރިމަތިލީ އެ ކާމިޔާބީ ދެމެހެއްޓުމުގެ ވަރުގަދަ އަޒުމަކާއެކުގައެވެ.
މާލީ ދުޅަހެޔޮކަމާއި ފައިދާ އިތުރުވުން
2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުން ހޯދާފައިވާ ބޮޑު ކުރިއެރުމަކީ ބޭންކުގެ މާލީ ދުޅަހެޔޮކަމާއި އެސެޓްތަކުގެ ފެންވަރު ރަނގަޅުކަމުގެ ހެއްކެކެވެ. މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މި ނަތީޖާއިން ދައްކުވައިދެނީ ބޭންކުގެ ވިޔަފާރި މޮޑެލްގެ ހަރުދަނާކަމާއި އިޤްތިޞާދީ ބަދަލުތަކަށް ބޭންކުން ހޭނިފައިވާ މިންވަރެވެ.
އާމްދަނީ އިތުރުވުމާއި ހިންގުމުގެ ހަރުދަނާކަން
ބޭންކުގެ ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައިވަނީ، ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު އާމްދަނީއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން ލޯނާއި ފައިނޭންސިންގެ ފައިދާއިން އާމްދަނީގެ ގޮތުގައި 796 މިލިއަން ރުފިޔާ ލިބުނުއިރު، ފީ އާއި ކޮމިޝަނުން 332 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ބޭންކު ހިންގުމުގެ ޚަރަދުތައް ވަރަށް ބަލައިގެން މެނޭޖްކުރެވުމުގެ ސަބަބުން ހަރުދަނާ މިންގަޑެއްގައި ހިފެހެއްޓި، އާމްދަނީއާ އަޅާބަލާއިރު ޚަރަދު ހުރި މިންވަރު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ވަނީ ކުރީ އަހަރުގެ 25 އިންސައްތައިން 24 އިންސައްތައަށް އިތުރަށް ރަގަޅު ކުރެވިފައެވެ. މީގެ އިތުރުން އައި.އެފް.އާރް.އެސް9 ގެ މިންގަނޑުތަކާ އެއްގޮތަށް ލޯނުތަކަށް އުނިކުރެވޭ މިންވަރު (އީ.ސީ.އެލް) ވެސް ދަނީ ހަރުދަނާގޮތެއްގައި ބެލެހެއްޓެމުންނެވެ.
ތާރީޚީ ބެލެންސްޝީޓެއް
ބޭންކުގެ ބެލެންސްޝީޓަށް ބަލާއިރު، މި ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ ބޭންކުގެ ތާރީޚުގައި ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ ޢަދަދު 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މީގެ ތެރޭގައި ބޭރުފައިސާގެ ޑިޕޮސިޓްތައް ބޮޑުދައުރެއް އަދާކުރެއެވެ.
އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު އިތުރުވެ، ލޯނުގެ ޖުމްލަ ޢަދަދުވަނީ 27.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަންވެސް ވަނީ ވަރުގަދަ މިންވަރެއްގައި ހިފެހެއްޓިފައެވެ. މިއީ ބޭންކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށްދީ، ރެގިއުލޭޓަރީ މިންގަނޑުތަކަށް ފެތޭގޮތަށް ވިޔަފާރި އިތުރަށް ފުޅާކުރުމަށް ލިބޭ ބޮޑު ބާރެކެވެ.
ބޭރު ފައިސާގެ އެހީތެރިކަމާއި އިޤްތިޞާދީ ދައުރު
ކާބޯތަކެއްޗާއި އަސާސީ ބޭނުންތަކަށް މުދާގެނައުމަށާއި އެހެން ވިޔަފާރި ބޭނުންތަކަށް، ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި 106.2 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކާފައިވެއެވެ. މިއީ އެވްރެޖްކޮށް މަހެއްގެ މައްޗަށް ބަލާއިރު ބޮޑު އަދަދެކެވެ. ބޭންކުން މި ދައުރު އަދާކުރަނީ ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމާއި، ވިޔަފާރިތަކުގެ ކުރިއެރުމަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައެވެ.
2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނަތީޖާއަކީ ބޭންކް އޮފް މޯލްޑިވްސްގެ މާލީ ބާރުވެރިކަން ދައްކުވައިދޭ ވަރަށް އުންމީދީ ނަތީޖާއެކެވެ. ރެކޯޑް އަދަދަކަށް އެސެޓްތައް އިތުރުވުމާއި، ފައިދާގެ ނިސްބަތް މަތިވުމަކީ ބޭންކުގެ ހިއްސާދާރުންނަށާއި ކަސްޓަމަރުންނަށް ލިބޭ ބޮޑު ޔަގީންކަމެކެވެ. ކުރިއަށް އޮތް ތަނުގައިވެސް މި ދުވެލީގައި ބޭންކު ކުރިއަށްދާނެ ކަމުގެ ނިޝާންތައް މި ނަތީޖާއިން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ.

