ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ އެމަނިކުފާނަށް އެހީތެރިވެދެއްވާ ފަރާތްތަކުގެ މަތިން ވަރަށް އަވަހަށް ހަދާން ނައްތާލާ ބޭފުޅެއް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ޚަބަރަށް ފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ރައީސް ނަޝީދަކީ ކަންކޮށްދޭ މީހާގެ މަތިން ހަނދާން ނައްތަވާލާ ބޭފުޅެއް ކަމަށެވެ. އަދި ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ވެރިންނަށް އެއްލާ ގާގަނޑަކީ ކޮންމެވެސް ކަމެއް ހާސިލު ނުވެގެން އެމަނިކުފާނު ކުރައްވާކަމެއް ކަމަށް ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ކޮންމެ ބަޔަކު ވެރިކަމަށް އަންނަން މަސައްކަތް ކުރެއްވިޔަސް، ޖުމްހޫރީ ޕާޓީގެ ލީޑަރު އެބަޔަކަށް މަސައްކަތްތަކެއް ކޮށްދެއްވަނީ ވަރަށް އިޚުލާސްތެރި ކަމާއެކުގައި ކަމަށެވެ. ނަމަވެސް ވަކި ހިސާބުން ބޭރުކޮށްލަން ބޭނުންވުމުން ގޯސްވެސް ވަނީ ޤާސިމް ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
”ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނާއި މެދު ކަންތައްތައް ކުރައްވަނީ ވަރަށް ރަނގަޅަށް، އެމަނިކުފާނަކާއި ޖުމްހޫރީ ޕާޓީއަކާ ނެތް އެއްވެސް މައްސަލައެއް، ނަމަވެސް އެޕާޓީގެ ރައީސަކަށް ހުންވާ ބޭފުޅާ މި މަސައްކަތް ކުރައްވަނީ އަޅުގަނޑުމެން ބޭރުކޮށްގެން، އެޕާޓީގެ މީހުން ތަންތަނަށް ލައިގެން މަންފާ ހޯދުމަށް“ ސައުދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައުދު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުވުމާއި، މިހާރު ލިބެމުން އަންނަ ތާޢީދަށް ބަލާއިރު، ޖުމްހޫރީ ޕާޓީން އެހެންބަޔަކާއި އިއްތިހާދުނުވެ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
ސައުދު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި އެޕާޓީން ނުކުންނާނީ، އެޕާޓީއަށް ކާމިޔާބުވާނެ ދާއިރާތަކަށް ކަމަށާއި އެކަމާއި ގުޅިގެން އެފަދަ ދާއިރާތައް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޖުމްހޫރީޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާނެ މެންބަރުންނަކީ، ރައްޔިތުން މާޔޫސްކޮށްލާނެ މެންބަރުންނެއް ނޫން ކަމަށް ސައުދު ވިދާޅުވިއެވެ. އަދި ވަކި ޕާޓީއަކަށް މެޖޯރިޓީ ދީގެން ކަންކަން ކުރެވޭނެ ކަމަށް ދެކުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ސައުދު ވިދާޅުވިއެވެ.

