ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ނެޓްވޯކް ފުޅާކުރުމާއި ގެދޮރުވެރިކަމުގެ ސިނާއަތަށް އެ ބޭންކުން ވަނުމަށް ނިންމި ނިންމުމަކީ ސިޔާސީ ނިންމުންތަކެއް ނޫން ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރުތަކާއި، ވިޔަފާރިތަކަށް އެހީތެރިވުމަށް ބޭންކުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ، ބޭންކުގެ ނިންމުންތަކަކީ ބޯޑުގައި މަޝްވަރާކުރެވި، ބޭންކަށް ފައިދާ ލިބޭނެ ކަމަށް އަންދާޒާކޮށް ނިންމާފައިވާ ވިޔަފާރީގެ ނިންމުންތަކެއް ކަމަށެވެ.
ބޭންކުގެ ނިންމުންތަކަކީ ސިޔާސީ ނިންމުންތަކެއްގެ ގޮތުގައި ބުނެ ބައެއް ފަރާތްތަކުން އަމާޒު ކުރާ ފާޑުކިއުންތަކަށް، ސުވާލު ކުރުމުން ޝަރީފް ވިދާޅުވީ، މިފަދަ ވާހަކަތަކެއް ފެންމަތިވީ އޭޓީއެމް ނެޓްވޯކް ފުޅާކުރުމާއި ގެދޮރުވެރިކަމުގެ ސިނާއަތަށް ބޭންކުން ވަނުމާ ގުޅިގެން ކަމަށް ގަބޫލުކުރާ ކަމަށެވެ.
ބޮޑަށް އަސްލު މިވާހަކަ ދެކެވިގެން އައީ އަޅުގަނޑުމެންގެ އޭޓީއެމް ނެޓްވޯކް ފުޅާކުރުމާއި، ހައުސިންގ ކަންތަކާއި ގުޅިގެން. އެއީ ސިޔާސީ ނިންމުންތަކެއް ނޫން. އެއީ ބޭންކްގެ ކުރިމަގަށްޓަކައި ބޭންކުގެ ކުރިއެރުމަށްޓަކައި، ބޭންކްގެ މެނޭޖްމަންޓުންނާއި ބޯޑުން މަޝްވަރާކޮށް ނަގާފައިވާ ބިޒްނަސް ޑިސިޝަންތަކެއް
ޝަރީފް އިތުރަށް ވިދާޅުވީ، އޭޓީއެމްގެ ހިދުމަތް ފުޅާކުރެވުނީ ސަރުކާރުގެ ވަރަށް ބޮޑު އިންވެސްޓްމަންޓަކާއެކުކަމަށް ވާތީ، އެކަމުގައި ސަރުކާރަށް ކްރެޑިޓް ނެގިދާނެ ކަމަށެވެ. ނަމަވެސް ބޭންކުގެ ނަޒަރުގައި އެކަން ކުރީ ސަރުކާރުގެ އިންވެސްޓްމަންޓާއެކު ބޭންކަށް ލިބޭނެ ފައިދާއަށް ބެލުމަށްފަހުކަމަށާއި، ބޭންކުގެ ނިންމުންތަކަކީ ބޯޑުން ނިންމާ މިނިވަން ނިންމުންތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލް އިން ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫއުގެ ދަށުން މިހާތަނަށް 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ވަނީ ގާއިމުކޮށްފައެވެ.
މީގެ އިތުރުން، ގެދޮރުވެރިކަމުގެ ދާއިރާއިން ހޯމް ކޮންސްޓްރަކްޝަން ލޯނު ދޫކުރަން ފަށާފައިވާއިރު، ބޭންކުގެ ސަބްސިޑިއަރީ ކުންފުނި ”ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ“ މެދުވެރިކޮށް 3260 ހައުސިންގ ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

