އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް އާ މިސްރާބަކަށް ގެންދިއުމަށް އެންމެ ރަނގަޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެކު ކުރިޔަށް ދިއުންކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާރު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންކަމަށް ރައީސް ނަޝީދަށް ތާއީދު ކުރައްވައި ”އެކްސް“ ގައި އާންމު ކުރެއްވި ޕޯސްޓެއްގަ އެވެ. ނިޒާރު ވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި، ޕާޓީގެ ޓިކެޓުގައި ފައްޔާޒް ވާދަކުރުމަށް ވެސް ތާއީދު ކުރައްވާފަ އެވެ.
ދެ ބޭފުޅުންގެ ތާއީދުގައި ކުރެއްވި ޕޯސްޓުގައި ނިޒާރު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް ދަތުރުގައި މިއަދު މިދެކެނީ ސިޔާސީ ގޮތުން ނުހަނު އުއްމީދީ މަންޒަރެެއްކަމަށާއި، ރާއްޖެ ހެޔޮވެރިކަމުގެ މިސްރާބަށް ކުރާ ދަތުރުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ.
ހާއްސަކޮށް އެމްޑީޕީ އާއި ދެކޮޅު ސިޔާސީ ފިކުރުތަކަކީ ޙުދުމުހުތާރު ވިސްނުންތަކެއްގެ ގޮތުގައި ނިޒާރު ވިދާޅުވި އެވެ. އެހެންކަމުން ގައުމުގެ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް އިރު، މި ހާލަތުން ސަލާމަތް ކުރުމަށް އައު މިސްރާބަކަށް ދަތުރު ކުރުމަށް މަޖުބޫރުވެފައިވާކަމަށް ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ މި ވަގުތަކީ އެމްޑީޕީގެ ރޫހު އާލާކޮށް، ސިޔާސީ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދަންވީ ވަގުތު ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު ޗެއާޕާސަންކަމަށް ވާދަކުރެއްވުމަށް ނިންމަވައި، ޕާޓީގެ ހަރަކާތްތަކުގައި އަލުން އަމަލީގޮތުން ބައިވެރިވާން ނިންމެވި ނިންމެވުމަކީ ޕާޓީގެ ސިޔާސީ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.
ރިޔާސީ ޕްރައިމެރީ ފައްޔާޒަށް ކާމިޔާބުކޮށްދިނުމަށް، އެންޑޯޒް ކުރައްވައި މަސައްކަތް ފެއްޓެވުން ވެސް އެއީ އަގުހުރި ނިންމެވުމެއްގެ ގޮތުގައި ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވި ގޮތުގައްި ފައްޔާޒަކީ ރާއްޖެއަށް ބޮޑެތި ސިޔާސީ އިސްލާހުތައް ގެންނަންޖެހޭ މި ދަނޑިވަޅުގައި، ކެރިގެން އެ ކަންކަމާއި ކުރިމަތިލާން ކެރޭނެ ގާބިލުކަމާއި ތަޖުރިބާ ހުރި ސިޔާސީ ލީޑަރެކެވެ. އަދި ވިދާޅުވީ ރައީސް ނަޝީދާއި ފައްޔާޒްގެ މި ގުޅުމަކީ އެމްޑީޕީއާއި ދިވެހި ގައުމަށް ވެސް ލިބޭނެ ބޮޑު ކާމިޔާބީ ކަމަށެވެ.
ނިޒާރު ވިދާޅުވީ، އެންމެން ގުޅިގެން މި ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަށް މަސައްކަތްކުރައްވަން ޖެހޭ ކަމަށެވެ.

