އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ހޮސްޕިޓަލަށް ގެންދިޔަ މީހަކަށް އަނިޔާވީ ފުލުހުންގެ އަމަލުތަކުގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފިއެވެ.
ފުލުހުން މިކަން ހާމަކުރީ ރޭގެ އެއްވުމާ ގުޅިގެން މީޑިއާގައި ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ރޭ ބޭއްވި މުޒާހަރާގެ ތެރެއިން އެކަކަށް އަނިޔާވެގެން އައިޖީއެމްއެޗް އަށް ގެންގޮސްފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ އެމީހާއަށް އަނިޔާވީ ފުލުހުން ކަރަންޓު މުގުރު ބޭނުންކުރުމުގެ ސަބަބުން ކަމަށް ބުނެ އަޑުއުފުލާފައެވެ. ނަމަވެސް ފުލުހުން ބުނީ އެ މީހާއަށް އަނިޔާވީ ފުލުހުން އެޅި ފިޔަވަޅެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
”އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާއި އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ ގުޅުމެއް ނެތް“ ކަމަށެވެ.
އަދި ފެތުރެމުންދާ ވާހަކަތަކާ ހިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން އެއްވެސް ވަރަކަށް ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ އަރުވާފައެވެ.
މީގެ އިތުރުން، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފުލުހުން ފާހަގަކުރިއެވެ. އެހެންކަމުން، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް މީޑިއާތަކަށާއި އާންމުންނަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

