ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގެ ދަށުން އެމަނިކުފާނު ޖަލަށް ލާފައިވާ މައްސަލާގައި ހުރި ކަންބޮޑުވުންތައް އިދިކޮޅު ކޯލިޝަނުން ޔޫރަޕިއަން ޔުނިއަން (އީޔޫ) އާއި ހިއްސާ ކޮށްފި އެވެ.
އީޔޫގެ ވަފްދެއް ރާއްޖެ އައިސްފައިވަނީ އެ ޖަމާއަތުން ސަރުކާރާއި އެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަކަށެވެ. އުޅެނީ އެ ޖަމާއަތުން ދިވެހި ސަރުކާރާ އެކު ބާއްވާ ބައްދަލުވުމަކަށެވެ. މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެ ވަފުދުން ބައްދަލުކޮށްފައިވާއިރު، އެ ޖަމިއްޔާގެ ވަފުދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ގޮސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ބައެއް މެންބަރުންނާ ވެސް ބައްދަލުކޮށްފަ އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު އެ ބައްދަލުވުމާއި ބެހޭ މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަޖިލީހުގެ އިސް ބޭފުޅުންނާއި މެންބަރުންނާ އީޔޫގެ ވަފުދު ކުރި ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ރައީސް ޔާމީންގެ މައްސަލަ ހިއްސާ ކުރެއްވި ކަމަށެވެ.
އީޔޫގެ ވަފްދުގެ އިސްވެރިއަކަށް ވަޑައިގެން އުޅުއްވާ، އެކްސްޓާނަލް އެކްޝަން ސާވިސް ފޯ އޭޝިއާ އެންޑް ޕެސިފިކްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޕައުލާ ޕަންޕަލޯނީއާ ބައްދަލުކޮށް އިދިކޮޅުން ރައީސް ޔާމީންގެ ޝަރީއަތް ކުރިޔަށް ދިޔަ ގޮތުގެ ކަންބޮޑުވުން ހިއްސާ ކުރިއެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ކުރަމުން އަންނަ މަސައްކަތްތަކަށް އެޅޭ ހުރަސްތައް ވެސް ހިއްސާ ކުރިއެވެ.
https://twitter.com/Adamshareefz/status/1226433297485447169
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. އެ މައްސަލާގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައުލަތަށް ދެއްކުމަށް ވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.
ރައީސް ޔާމީން ނިސްބަތްވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ގަބޫލު ކުރަނީ އެމަނިކުފާނުގެ މައްޗަށް އިއްވީ ނުހައްގު ހުކުމެއް ކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކަމާ ބެހޭ މުއައްސަސާތައް ހުށަހަޅަން ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް އިދިކޮޅު ކޯލިޝަން އިން ފެށި އެވެ.

