ސަރުކާރުގެ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ރިސޯޓު މުވައްޒަފުންގެ އިތުރުން މަސްވެރިންނާއި، ދަނޑުވެރިން އުޅެން ޖެހިފައި ވަނީ ވަރަށް ދަތި ހާލުގައިކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ޝަމްހީދު މިހެން ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ޑޮލަރު، ރުފިޔާއިން ދެމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގަ އެވެ.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގާނޫނުން ކަށަވަރުކޮށްދީފައިވާ ސާވިސްޗާޖް ލިބުމުގެ ހައްގު އެންމެ ފުރިހަމައަށް ތަނަވަސްކޮށްދިނުމެވެ. މި ބިލު ހުށަހަޅާފައި ވަނީ މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން މުވައްޒަފުންނަށް ލިބެންޖެހޭ މަންފާ އެންމެ ފުރިހަމައަށް ނުލިބޭތީ އެކަން އިސްލާޙު ކުރުމަށެވެ.
މި އިސްލާހުގެ ބަހުސްގައި ޝަމްހީދު ވިދާޅުވީ، މި އިސްލާހު ހުށަހެޅީ ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުންގެ ޝަކުވާތައް އަޑުއެހުމަށްފަހު، އެ މުވައްޒަފުންނަށް މިހާރު ދިމާވެފައިވާ ބޮޑު މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށެވެ.
ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، ރިސޯޓު މުވައްޒަފުންނަށް މި މައްސަލަ ކުރިމަތިވާން ފެށީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިޔަ ހިސާބުންނެވެ. އޭނާ ވިދާޅުވީ ރަސްމީ ރޭޓާއި ކަޅު ބާޒާރުގެ ރޭޓާ ދެމެދު މިހާރު ފަސް ރުފިޔާގެ ތަފާތެއް އެބަހުރި ކަމަށެވެ. މީގެ ސަބަބުން ރިސޯޓު މުވައްޒަފުންނަށް ލިބޭ ކޮންމެ ޑޮލަރަކުން ފަސް ރުފިޔާގެ ގެއްލުންވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލަ އުފެދިގެން މިއުޅެނީ މި ސަރުކާރު އައިފަހުން ޑޮލަރުގެ އަގު ތިރިކުރަން ބުނެފައި އައި ސަރުކާރުން ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ދިޔުމުން. ވިޔަފާރިވެރިން އޭގެ ނާޖާއިޒު ފައިދާ ނަގައި، މުވައްޒަފުންނަށް ރުފިޔާއިން ސާވިސް ޗާޖު ދެނީ
އޭނާ އިތުރަށް ވިދާޅުވީ ބޭންކުން 15.42 ގެ ރޭޓުގައި ޑޮލަރު ލިބޭނަމަ މިއީ މައްސަލައަކަށް ނުވީސް ކަމަށެވެ.
މީގެ އިތުރުން، ޝަމްހީދު ވިދާޅުވީ ސަރުކާރުގެ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ރިސޯޓު މުވައްޒަފުންގެ އިތުރުން މަސްވެރިންނާއި، ދަނޑުވެރިން އަދި ޓެކްސީ ޑްރައިވަރުންވެސް ބިކަވަމުންދާ ކަމަށެވެ. ހާއްސަކޮށް މަސްވެރިން ބާނާ މަހަށް ލިބޭ ޑޮލަރުގެ ފައިދާ ސަރުކާރަށް ލިބުނު ނަމަވެސް، މަސްވެރިންގެ ޖީބަށް ޑޮލަރެއް ނުވަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީއަކީ އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ޕާޓީއެއްކަން ފާހަގަކުރައްވަމުން ޝަމްހީދު ވިދާޅުވީ، ސާވިސް ޗާޖުގެ ގާނޫނާއި މިނިމަމް ވޭޖުވެސް ކަނޑައެޅީ އެމްޑީޕީ ސަރުކާރުގައި ކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީން ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތަކަށް ގޮތްދޫނުކޮށް ތިބުމުގެ ބަދަލުގައި، މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް އޭނާ ގޮވާލެއްވިއެވެ.

