ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާން ކުރައްވައިފިއެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ނުވަތަ އިދިކޮޅު ލީޑަރަކީ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ތަމްސީލުކުރާ ޕާޓީ ފިޔަވާ ދެން އެންމެ ގިނަ ގޮނޑި ތަމްސީލުކުރާ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރެވެ.
ސަލީމް މައިނޯރިޓީ ލީޑަރުގެ ގޮތުގައި ހަމަޖެހިގެން ދިޔައީ، މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ޕީޕީއެމްއާ ގުޅިވަޑައިގެން، އެކަމުގެ ހުރިހާ ލިޔުންތައް މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރައްވާ މެމްބަރުންގެ އަދަދު ހަޔަކަށް އެރުމުންނެވެ.
މަޖިލީހުގެ މިދިޔަ ދައުރުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އިންނެވުމަށްފަހު ފަހުން ޖުމްހޫރީ ޕާޓީއަށް ސޮއިވެސް ކުރެއްވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތީ އަމިއްލަ މެމްބަރެއްގެ ގޮތުންނެވެ. ނަމަވެސް އޭނާ ޕީޕީއެމްއަށް އަލުން ސޮއިކުރައްވައި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕާ ގުޅިވަޑައިގަތުމުގެ ސަބަބުން، ހަ ގޮނޑިއާއެކު ޕީޕީއެމް ވެގެން ގޮސްފައިވަނީ އެމްޑީޕީ ފިޔަވާ އެންމެ ގޮނޑި ތަމްސިލުކުރައްވާ ޕާޓީއަށެވެ.
ފެބްރުއަރީ ތިންވަނަ ދުވަހު 2020 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވި އިރު، އެ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ބަޔާނަށް ރައްދެއް ދޭންޖެހޭނީ އިދިކޮޅު ލީޑަރު ކަމަށާއި ނަމަވެސް މަޖިލީހުގައި އޭރު ޕާޓީތަކަށް ގޮނޑިތައް ބެހިފައި އޮތް ގޮތުން އެއީ ކާކުކަން ސާފުނުވާ ކަމަށެވެ.

