ޗައިނާގައި ނޮވެލް ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 1016 އަށް އަރައިފިއެވެ.
ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނި ގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން އިއްޔެ 108 މީހަކު ވަނީ މަރުވެފަ އެވެ. މިއީ ފާއިތުވި ދުވަސްތަކުގައި މީހުން މަރުވި އަދަދާ ބަލާއިރު ނިސްބަތުން ގިނަ އަދަދެކެވެ.
މިދިޔަ އާދީއްތަ ދުވަހު މި ބަލީގައި މަރުވެފައި ވަނީ 97 މީހުނެވެ.

ހެލްތު ކޮމިޝަނުން ބުނި ގޮތުގައި އިއްޔެ މަރުވި މީހުންނާ އެކު މިހާރު ޗައިނާގައި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 1،016އަށް އަރައިފަ އެވެ. އަދި މިހާރު ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 42،638 އަށް އަރައިފަ އެވެ.
ޗައިނާއިން ވަނީ ވައިރަސް ފުރަތަމަ ފެނުނު ވޫހާންއަށް މިހާރު ގާތްގަނޑަކަށް 20،000 ސިއްހީ އޮފިޝަލުން ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ. އަދި ސާޖިކަލް މާސްކާއި ވައިރަހުން ރައްކާތެރިވުމަށް ބޭނުންވާ އެހެން އާލާތްތަކުގެ ސަޕްލައި އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.
ކޮރޯނާވައިރަސް ޖެހިފައިވާ ގިނަ މީހުންގެ ފަރާތުން ފެންނާނީ އާދައިގެ އަލާމާތްތަކެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. އޭގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭވާލުމުގައި މައްސަލަތައް ދިމާވުން ހިމެނެ އެވެ. ބަލިޖެހޭ ގިނަ މީހުން ރަނގަޅުވެ އެވެ.
ކޮރޯނާވައިރަސްގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ހަކުރު ބަލި، ކެންސަރު އަދި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުގެ ތަޖްރިބާކާރަކު ވިދާޅުވީ ވައިރަސްގެ އަލާމާތްތަކުން މުޅިން ރަނގަޅުވާން ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށެވެ.

