ވަކި ރަށެއްގެ މީހަކަށް ވީތީ ވަކި ތަނަކުން ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއްގައި އަދި އެއްވެސް ގާނޫނެއްގައި ލާޒިމުކޮށްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަން ހުޅުވާލުމުގެ ކުރިން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނުން ލާޒިމު ކުރަނީ ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާ މީހުނަށް އެ ކަމެއް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން އިތުރުވެފައިވާއިރު، ރާއްޖޭގެ އެހެން ރަށްރަށުން ނުވަތަ ބިމުގެ ޖާގަ ހުރި ރަށްރަށުން އެ ފުރުސަތު ދެވޭ ގޮތަށް އޮވެއްޖެނަމަ އެ ކަމަށް އެދޭ މާލޭގެ ރައްޔިތުން އަދި މާލޭގައި ދިރިއުޅޭ ރައްޔިތުން މަދު ނުވާނެ ކަމަށެވެ.
ރާއްޖޭގެ އެއް ރަށާއި އަނެއް ރަށް އަޅާ ކިޔައި، ސިޔާސީ ލީޑަރުން ވާހަކަ ދައްކަވައި ބަހުސް ކުރެއްވުމަކީ ގައުމަށް ގެއްލުން ބޮޑުވާނެ ކަމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އަދި ރަށްރަށް ކުޑައިމީސްވާ ގޮތަށް ބަހުސްތައް އިތުރުވެ ޒުވާބު އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ގެއްލުން ބޮޑު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ވަސީލަތްތައް ވަމުންދިޔުމާއި، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަކީ، ދެބަސްވުމާއި ހަމަނުޖެހުން އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.
”އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތަކުގައި ވަސީލަތްތައް މަދުވަމުންދާ ވަރަކަށް، މި ދެބަސްވުން އުފެދުން ގާތްވާނެ. މި މަލޭގައި ބޯހިޔާވަހިކަން ދަތިވެ، މި މާލޭގައި ދިރިއުޅޭ އަދި ދިރިއުޅެން އެދޭ އެންމެނަށް ވެސް ދަތިވަމުން ދިޔަ ވަރަކަށް ވެސް މި ދެބަސްވުމާއި ހަމަނުޖެހުން ދާނީ އިތުރުވަމުން“ ރައީސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްރަށާއި މާލޭގެ ވާހަކައިގެ ބަހުސް ފެށުނީ މާލެއަށް ދިމާވެގެން މި އުޅެނީ ފަލަސްތީނަށް ދިމާވެގެން އުޅޭ ކަމެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވުމުންނެވެ.
ހުސައިންގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ މެންބަރުންވަނީ ފާޑުކިޔުންވެސްތައް ވަނީ އަމާޒްވެފައެވެ. އަދި އެވާހަކަތަކަށް ރައްދު ދެއްވި މެންބަރުންގެ ތެރޭގައި މަޖިލީހުގައި އަތޮޅުތެރެ ބައެއް ދާއިރާތައް ތަމްސީލްކުރައްވާ މެންބަރުންވެސް ހިމެނި ވަޑައިގަންނަވައެވެ.

