ރާއްޖޭގެ އެހެން ރަށްތަކުގެ ރަށްޔިތުންގެ ސަބަބުން މާލެއަށް ޖެހިފައި މިވަނީ ފަލަސްތީނަށް ޖެހިފައިވާ ހާލުކަމަށް ބުނެ ދެއްކެވި ވާހަކަތަކަށް މުޅި ސޯޝަލް މީޑިއާ ކެކެމުންދަނިކޮށް އެންމެފަހުން އެ ވާހަަކަތަކަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މާފަށް އެދިވަޑައިގެންފިއެވެ.
ދާދިފަހުން ރާއްޖޭގެ ޓީވީ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަނދުން ހުސެއިން ވަނީ މާލޭގެ ރައްތިތުންނަކީ މިއަށްވުރެ ޝަރަފުވެރި ދިރިއުޅުމެއް އުޅެންޖެހޭ ބައެއް ކަމަށް ވިދާޅުވެފައެވެ. މާލޭގެ ރައްޔިތުން އުޅެންޖެހެނީ ”ކޯސްޓު ކިރު“ ބޮޑު ދަޅެއްގައި ނިދައިގެން ކަމަށާއި، ފެންވަރާ ކައި ވެސް ހަދަންޖެހެނީ އެ ”ދަޅު“ ގައިކަމަށް ވިދާޅުވެ އަނދުން ހުސެއިން ވަނީ އެއީ މާލޭގެ ރައްޔިތުންނަށް ހައްގު މިންވަރެއް ނޫން ކަމަށް ވިދާޅުވެފައެވެ. މާލެ އަކީ މާލެ މީހުންގެ ރަށަކަށްވާއިރު، މާލޭގެ ރައްޔިތުން އުޅެންޖެހޭނީ ”ޝަރަފުވެރި“ ކަމާއި އެކުކަމަށް އޭނާ ވިދާޅުވިއެވެ.
އަނދުން ހުސައިން ވިދާޅުވީ މާލެ އެއްކޮށް ހިއްކައި ރާއްޖޭގެ އެހެން ތަންތަނުން މީހުން ގެނެސް ބަޔަކު ވަޒަންވެރި ކުރުވީ ކަމަށެވެ. މީގެ ފަހަތުގައި ވަނީ ކޮންމެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން އަތޮޅުތަކުގެ ރައްޔިތުންނަށް ފުރުސަތު ދިނުން ކަމަށް ދޭހަވާ މޭރުމަކުން އެރޭގެ ޕްރޮގްރާމުގައި އަނދުން ހުސެއިން ވާހަކަ ދެއްކެވިއެވެ.
”ކަނޑު ތޮއްޓާ ހަމައަށް ހިއްކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސް މިތަންތަނުގައި ވަޒަންވެރިކުރުވީ. މާލޭ މީހުން ތިބި ގޮތަށް ތިބީ. ހަމަ ގާތްގަނޑަކަށް މިތަނަށް ދިމާވެފައި މި އޮތީ ފަލަސްތީނަށް ދިމާވެފައިވާ ކަމެއް،“ އަނދުން ހުސެއިން
މާލެއާއި ފަލަސްތީނާ އެއްގޮތްކޮށް އަނދުން ހުސައިން ދެއްކެވި ވާހަކަތަކަށް މާފަށް އެދިފައިވަނީ، މުޅި ސޯޝަލް މީޑިއާ އޭނާއާއި ދެކޮޅުވެ ފާޑުކިޔަމުން ދަނިކޮށެވެ. އޭނާގެ ވާހަކައާ ގުޅިގެން އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވިއިރު، މަޖިލީހުގައި ވެސް އަނދުން ހުސެއިންއަށް ފާޑުކިޔާފައިވެއެވެ. ބައެއް މެމްބަރުން ވަނީ، ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުން ދަށްކޮށް އަނދުން ހުސެއިން ވާހަކަ ދެއްކެވި މިއީ ފުރަތަމަ ފަހަރު ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.
އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އަނދުން ހުސެއިން ޓުވީޓެއް ކުރައްވާ ވިދާޅުވީ، މާލޭގެ ރައްޔިތުން އުޅެމުން ދަނީ ރެފިއުޖީންނާ އެއް ގޮތަށް ކަމަށާއި މާލެ މިހާރު އޮތީ ފަލަސްތީނާ އެއް ހާލަތުގައި ކަމަށް އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުން ދިރިއުޅެމުން ނިކަމެތި ހާލު ސިފަކޮށްދިނުމަށް ކަމަށެވެ. އަދި އޭނާ އެ ވާހަކަތައް ދެއްކެވީ، އެއްވެސް ގޮތަކުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން ކުޑައިމީސް ކުރުމަކަށް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. ދުވަހަކުވެސް އޭނާ ސީދާ ގޮތުންވެސް އަދި ނުސީދާ ގޮތުން ވެސް ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނަށް ކުޑައިމީސް ބަހެއް ނުބުނާނެކަމަށް އަނދުން ހުސެއިންގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
”ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް އެ ރައްޔިތުންނަށް ކުޑައިމީސް ބަހެއް ބުނެފައެއް ނުވާނެ. އެހެން ނަމަވެސް އަޅުގަނޑު ދެއްކި ވާހަކަ އޮޅިވަޑައިގެންފައިވާ ބޭފުޅުންގެ އަރިހުން މާފަށް އެދެމެވެ،“ އަނދުން ހުސެއިން
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުނަށް ކުޑައިމީސްކޮށް ވާހަކަ ނުދައްކަވާނެ ކަމަށް ވިދާޅުވެ މައާފަށް އެދިވަޑައިގެން އަނދުން ޓްވީޓެއް ކުރައްވާފައި މި ވަނީ، އެއް ރަށް އަނެއް ރަށާ އަޅާ ކިޔައި ރަށްރަށް ކުޑައިމީސްވާ ގޮތަށް މަޖިލީހުގެ އެއްވެސް މެންބަރަކު ވާހަކަ ނުދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވަނިކޮށެވެ.
އަނދުން ހުސެއިންގެ ވާހަކައަކީ ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދިނުންގެ ގޮތުގައި ސިފަ ކުރެވެއެވެ. އޭނާގެ ވާހަކަތަކަށް މާލެއަށް އުފަން ރައްޔިތުންވެސް ފާޑުކިޔާފައިވެއެވެ.
އަނދުން ހުސެއިން ދެއްކެވި ވާހަކަ އެންމެ ފުރަތަމަ ސޯޝަލް މީޑިއާއަށް ގެންނެވީ ދާންދޫ ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު ޔައުގޫބު އަބްދުﷲ އެވެ. ޔައުގޫބް ކުރެއްވި ޓްވީޓެއްގައި، ވިދާޅުވީ އަނދުން ހުސެއިންގެ ވާހަކަ ސިފަކުރެއްވެނީ އެއީ ރަށްރަށުގެ މީހުން، އިޒުރޭލްގެ ޔަހޫދީންނާ އެއްވަރުކުރި ކަމެއްގެ ގޮތުގައެވެ.
މަޖިލީހުގެ ޖަލްސާގައި ވެސް މެމްބަރުން މި މައުޟޫއަށް ވާހަކަ ދެއްކެވިއެވެ. އެކަމާއި ގުޅިގެން މިއަދުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރަށްރަށުގެ ބަހުސް އިތުރުވެ ޒުވާބު އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ގެއްލުން ބޮޑު ކަމެއް ކަމަށެވެ. ރަށްރަށުގެ ބަހުސަށް ބާރު ނޭޅޭ ގޮތަށް އަމަލު ކުރެއްވުމާއި ވާހަކަ ދެއްކެވުމަކީ ސިޔާސީ ލީޑަރުންނާއި މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް، މަޖިލީހަށް އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވި ބޯހިޔާވަހިކަމުގެ ގަރާރުތަކަށް މަޖިލީހުން ބަހުސް ކުރެއްވިއިރުގައި ވެސް މާލެ ދާއިރާތަކުގެ ބައެއް މެންބަރުންނާއި އަތޮޅުތެރެ ދާއިރާތަކުގެ ބައެއް މެންބަރުންނާ ދެމެދު ވަނީ މި ބަހުސް ކުރެވިފަ އެވެ. އެ ބަހުސް އޭރު ފެށިގެން ދިޔައީ ހުޅުމާލޭން ހަމައެކަނި މާލެ މީހުނަށް ބޯހިޔާވަހިކަން ދޭން މާލެ ދާއިރާތަކުގެ ބައެއް މެންބަރުން ވިދާޅުވުމާ ގުޅިގެންނެވެ.

