އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ މޭޔަރުކަމަށް ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވި އަނަސް އަބްދުއްސައްތާރު 12،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވާނެ ކަމަށް ޕާޓީގެ ރައީސް، އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރު ކަމުގައި މިހާރު ވެސް ހުންނެވި ސިފާ މުހައްމަދު އާއި، ޑެޕިއުޓީ މޭޔަރަކަށް ހުންނެވި ޝަމާއު ޝަރީފް ބަލި ކުރައްވާ ޓިކެޓު ހޯއްދެވީ އަނަސްއެވެ. ރައީސް ނަޝީދު ވަނީ، ކައުންސިލް އިންތިހާބުގައި އަނަސް ޕާޓީއަށް ކާމިޔާބީ ހޯއްދަވައިދެއްވާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލް އިންތިހާބުން އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން ވަނީ އަންގާރަ ދުވަހުގެރޭ ރޭގަނޑު ދަރުބާރުގޭގައި ޕާޓީގެ ގައުމީ މަޖިލީސް ބާއްވާފައެވެ. މައިގަނޑު ގޮތެއްގައި އެ ބައްދަލުވުމުގައި ވާހަކަ ދަައްކާފައިވަނީ ކައުންސިލް އިންތިހާބާއި ބެހޭ ގޮތުންނާއި، މިދުވަސްވަރު އަނެއްކާވެސް ބޮޑު ބަހުސްއަކަށް ވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުއާއި ގުޅޭގޮތުންނެވެ.
ގައުމީ މަޖިލީހުގައި ރައީސް ނަޝީދުވަނީ، ކައުންސިލް އިންތިހާބަކީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް ލިބިގެންދާ އިތުރު ފުރުސަތެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި އެމްޑީޕީން ގެނައި ލާމަރުކަޒީ ނިޒާމާއި އެކު، ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާވެ ސަރުކާރުގެ ސިޔާސަތުތައް އެއްވެސް ހުރަހެއް ނެތި ތަންފީޒު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކަށް ކުރިއެރުން ލިބޭނީ ކައުންސިލްވެސް އެމްޑީޕީއަށް ދީގެން ކަމަށެވެ.
މާލެ ސިޓީއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށަށްވާއިރު، ރައީސް ނަޝީދު ވަނީ އަނަސް އަކީ މާލޭގެ މޭޔަރަށް ގާބިލު ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ. އަނަސްއަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އޭޕްރިލް މަހުގެ އިންތިހާބު ބޮޑުތަނުން އަނަސް ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އަންދާޒީ ހިސާބެއްގެ ގޮތުގައި ރައީސް ނަޝީދު ދެއްވީ 12،000 ވޯޓެވެ. އެއަށްފަހު ރައީސް ނަޝީދު ވަނީ އަނަސްއާއި އެންމެ ގާތުން ވާދަ ކުރާ ކެނޑިޑޭޓަށް ގިނަވެގެން ލިބޭނީ 1،500 ވޯޓުކަމަށް ވިދާޅުވެފައެވެ. އެކަމަށް ރައީސް ނަޝީދު ޗެލެންޖު ކުރެއްވިއެވެ.
”އަޅުގަނޑު މި ދަންނަވަނީ، ބައްލަވަން ތިއްބަވާ އަނަސް 12،000 މާލޭ ވޯޓް ނަގާނެ. އަޅުގަނޑު ވަރަށް ރަނގަޅަށް، އިރާދަކުރެއްވިއްޔާ 12،000 މާލޭ ވޯޓް އަނަސް ނަންގަވާނެ. މިކަމާ އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެއްނެތް. އެންމެ ގާތްކުރާ މީހާއަށް 1500 ވޯޓްވެސް ނުނަގާނެ، ބައްލަވާތި.“ ރައީސް ނަޝީދު
އަނަސްގެ ޕާޓީ ސެކޭޓްރީ ޖެނެރަލްކަމުގެ ފަސް އަހަރުގެ ދައުރު ވަނީ މިއަދަށް ހަމަވެފައެވެ. އަނަސް ޕާޓީއަށް ކުރެއްވި ހިދުމަތްތަކަށް ރައީސް ނަޝީދު ޝުކުރު އަދާކުރެއްވިއެވެ.
އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ނިކުންނަށް ވަރުގަދަ ކެނޑިޑޭޓަކަށް އެމްޑީޕީގެ ނައިބް ރައީސްކަން ވެސް ކުރެއްވި ކުރީގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީވާނެއެވެ. އަލްހާން މާލޭގެ މޭޔަރުކަމަށް ނިކުންނަވަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ. އަދި އަލްހާން ގެންދަވަނީ މާލެ ތަރައްގީ ކުރުމުގައި އޭނާގެ ތަސައްވުރު ވެސް ހާމަކުރައްވަމުންނެވެ.
އިދިިކޮޅު ޕީޕީއެމުންވެސް ކެންޑިޑޭޓަކު ނެރޭނެކަން ވަނީ އިއުލާނުކޮށްފައެވެ. އަދި އެ ކެންޑިޑޭޓަކީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް އިދިކޮޅު ކޯލިޝަނުން ބުނިނަމަވެސް، ރަސްމީ ސިފައެއްގައި އެކަމުގެ އެއްވެސް ކެމްޕެއިންއެއް ކުރިޔަށް ގެންދާތަން ނުފެނެއެވެ. އަދި ޑރ، މުއިއްޒު އަދި ރަސްމީކޮށް އެއްޗެއް ވިދާޅެއްނުވެއެވެ.
ދާދިފަހުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި މިއަހަރުގެ ފުރަތަމަ ޖޮއިންޓް ކައުންސިލް ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ މައްސަލަތަކެއް ބަލަން ފަށާފައިވަނީ މާލޭގެ މޭޔަރު ކަމަށް ނިކުމެދާނެ ކަމަށް ދެކިގެން ކަމަށެވެ. މުއިއްޒު ވިދާޅުވީ އިދިކޮޅުން ކުރި އިިއުލާނަކުން މިވަރުވާއިރު، މޭޔަރު ކަމަށް ވާދަކުރެއްވުމަށް ފޯމް ހުށައަޅައިފިނަމަ އަދި ކޮށްލާނެ ވަރުވެސް ނޭންގޭ ކަމަށެވެ. އެހެން ނަމަވެސް އެއީ ރަސްމީކޮށް އިއުލާނު ކުރުމެއް ނޫނެވެ.

