ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތަކަށް އަންނަ ބަދަލުތަކަކީ އެއްވެސް ގައުމަކަށް ކޮންޓްރޯލް ކުރެވޭނެ ކަންކަން ނޫން ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންތެރި ސިޔާސަތުތަކުގެ ސަބަބުން ރާއްޖެ ތެލާއި ކާބޯތަކެއްޗަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ބައިނަލްއަގުވާމީ މުޖުތަމައުން ލިބެމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ގައުމުތަކަކަށް ތެލާއި ކާޑުގެ ބާވަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް، ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށް ވުމާއި، މިހާރުގެ ސަރުކާރުން ގެންގުޅޭ ހަރުދަނާ ޚާރިޖީ އަދި އިގުތިސާދީ ސިޔާސަތުގެ ސަބަބުން އެފަދަ ބިރެއް ރާއްޖެއަށް ނެތް ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް ލިބިފައިހުރި ވެރިމީހާގެ ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ރީތިކޮށް ކުރާ ވެރިކަމެއްގެ ނަތީޖާއަކީ އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެންނަށް ދުނިޔޭގެ ގައުމުތަކުން އެ ދަނީ ބުނަމުން، އެ މީހުން ތިއްބަކަ އިރާދަކުރެއްވިއްޔާ އިންޝާالله، ދިވެހިރާއްޖެ ތެލަކަށްވެސް ނުޖެހޭނެޔޭ، ގޭހަކަށްވެސް ނުޖެހޭނެޔޭ، ކާޑަކަށްވެސް ނުޖެހޭނެޔޭ“ މިފަދައިންނެވެ.
ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުގެ ބުރަ ރައްޔިތުންނަށް ވީހާވެސް ކުޑަވާނެ ގޮތަކަށް ސަރުކާރުން ކަންކަން ރާވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. މިގޮތުން ގޭހާއި ކާބޯތަކެތީގެ އަގު އަތްނުފޯރާ މިންވަރަށް އުފުލުނު ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، އިގުތިސާދީ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި ލިބުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށްވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

