އެމްޑީޕީ ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާ ދޭން މަސައްކަތް ކުރި މައްސަލަ ތަހުގީގު ކުރަން ފަށާފައިވީ ނަމަވެސް، މިހާތަނަށް މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމުގައި، ހެންވޭރު ސަހަރާ ކައިރިން ހިނގާލުން ކުރިޔަށް ދިޔަ ވަގުތު މީހަކު ވަނީ އާޒިމަށް ހަމަލާދޭން މަސައްކަތްކޮށްފަ އެވެ. މީޑިއާތަކުން ލައިވް ކުރަމުން ދިޔަ، މި އެއްވުމުގައި އާޒިމަށް ހަމަލާދޭން އޭނާ ގާތްވާ ވަގުތު އެއްވުމުގައި އާޒިމާއި ޖެހިގެން ތިބި މީހުން އޭނާ ވަގުތުން ހުއްޓުވަ އެވެ.
އާޒިމަށް ހަމަލާދޭން އައި މީހާ، ހުއްޓުވައި އެ މީހުން ވެސް އޭނާއަށް ހަމަލާދޭ މަންޒަރު ފެނެ އެވެ.
މި މައްސަލައިގެ ތަހުގީގު ކުރިޔަށް ދޭތޯ ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބުމާއިއެކު ތަހުގީގު ފަށާފައިވާކަމަށެވެ.
މި ހަމަލާގެ އަޑީގައި އޮތީ ސަރުކާރުކަމަށް ބުނެ އާޒިމް ތުހުމަތުކޮށްފައި ވަނިކޮށް އެކަމަށް ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، މިއީ ސަރުކާރުން އެއްވެސް މިންވަރަކަށް ބައިވެރިވުމެއް އޮވެގެން ހިނގި ކަމެއް ނޫން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޭޔަރަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ރައީސް ކުށްވެރި ކުރައްވާކަމަށް ވެސް މުންދު ވިދާޅުވިއެވެ.
މުންދު އާންމު ކުރި ބަޔާނުގައި ވަނީ، ހަމަލާ ދިނުމުން އެ މައްސަލަ އާޒިމް ނުވަތަ އެމްޑީޕީގެ ފަރާތުން ފުލުހަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ. އަދި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ އަމިއްލަ އިސްނެގުމަށްކަމަށް ވިދާޅުވި އެވެ.
ސަރުކާރާއި ގުޅުވައި އާޒިމް ދެއްކެވި ވާހަކަތަކަކީ، އެއީ އެއްވެސް ހެއްކެއް ނެތި ކުރި ތުހުމަތެއްކަމަށް މުންދު ވަނީ ވިދާޅުވެފަ އެވެ.

