ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކުރީގެ ދެ ވަޒީރުން ކަމަށްވާ އާދަމް ޝަރީފް އުމަރާއި ތޯރިގު އިބްރާހީމްގެ އިތުރުން، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރެއްވީ ހުސްވެފައިވާ ބައެއް ސަފީރުންގެ މަގާމުތަކަށް އައްޔަން ކުރެއްވުމަށް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”ސަންގު“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ތިން ބޭފުޅުން ފޮރިން މިނިސްޓްރީގެ މަގާމުތަކަކަށް ގެންނަން ވެގެން އާ މަގާމުތަކެއް އުފެއްދިީ ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ތިން ބޭފުޅުން ސަފީރު ކަމަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ހަމަޖެހެން ޖެހޭ އިދާރީ ކަންތައްތަކެއް ހުރުމުން، އެކަންކަން ނިމެންދެން އެ ބޭފުޅުން ވަގުތީ ގޮތުން އެ މަގާމުތަކުގައި ތިއްބަވާނެއެވެ. މިއީ މީގެ ކުރިން ވެސް އަމަލު ކުރަމުން އައިސްފައިވާ އުސޫލެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
މި ވަގުތު ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކަށް ކަނޑައަޅާފައިވާ ސަފީރުންގެ މަގާމުތައް ހުސްވެފައިވާކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ޔޫއޭއީ، އިނގިރޭސިވިލާތް އަދި ބެލްޖިއަމްގެ ސަފީރުކަމުގެ މަގާމު ހިމެނެއެވެ. މި ތިން ބޭފުޅުންނަށް އެމްބެސެޑާ އެޓް ލާޖުގެ މަގާމު ދެއްވީ ހުސްވެފައިވާ މަގާމުތަކަށް އައްޔަން ކުރެއްވުމުގެ މަރުހަލާގެ ތެރެއިންނެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި އާދަމް ޝަރީފް އުމަރު ވަނީ ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ތޯރިގު އިބްރާހީމް ވަނީ އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާޖީ މިނިސްޓަރުކަން ކުރައްވައިފައެވެ. މި ދެ ބޭފުޅުންނަކީ މި މަހުގެ މެދުތެރޭގައި ކެބިނެޓުން އިސްތިއުފާ ދެއްވި 10 ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.
އާދަމް ޝަރީފާއި ތޯރިގަކީ މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ވަޒީރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންނެވެ. އާދަމް ޝަރީފް ޑިފެންސް މިނިސްޓަރުކަން ކުރެއްވިއިރު، ތޯރިގު ވަނީ އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވައިފައެވެ.

