މާލޭގެ އެޕާޓްމެންޓެއްގައި ރަހުމްކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ރައްކާތެރިކޮށްފައިވާ ބައެއް ހެކިތައް ބަލަން، އެ މައްސަލާގައި ދައުވާ ކޮށްފައިވާ އަލީ ޝާހިލަށް މިއަދު ފުރުސަތު ދީފި އެވެ.
ހ. ޝީރިންވިލާގެ 09 ވަނަ ފަންގިފިލާގައި، ޝިއާއު މަރާލާފައި އޮއްވައި ފެނުނީ 2022، އޮގަސްޓު މަހުގެ 06 ވަނަ ދުވަހު އެވެ. ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީ، ޝިއާއު މަރާލި މައްސަލައިގައި ޝާހިލް ހައްޔަރު ކުރީ ކުށުގެ ވެށިންނެވެ. އިތުރު މީހެއް ނުވަތަ، ބައެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުބެލެވޭ މި މައްސަލައިގައި ޝަރީއަތް ކުރިޔަށް މިހާ ދިގުލައިގެން ދިޔައީ އޭނާގެ ފަރާތުން އެއްބާރުލުން ނުދޭތީ އެވެ.
ރާއްޖޭގެ ތާރީހުގައި ވެސް ހިނގައިދިޔަ އެންމެ އަނިޔާވެރި އެއް މަރުގެ މައްސަލައިގައި ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، ބައެއް ދައުވާތައް ސިއްރުކޮށް އަޑުއެހުންތައް ވެސް ގެންދަނީ ސިއްރުކޮށްގެންނެވެ.
ސިއްރުކޮށްގެން ކުރިއަށްގެންދާ މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި، ޝިއާއު މަރާލުމަށް ބޭނުންކުރިކަމަށް ތުހުމަތު ކުރެވޭ ތިން ވަޅިއަކާއި، ބައެއް އަންނައުނުތައް ކޯޓަށް ގެނެސް ދެއްކުމަށް ފަހު އެ ހެކިތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
މި މައްސަލައިގެ މިއަދުގެ އަޑުއެހުމަކީ ހުލާސާ ބަޔާން ހުށަހެޅުމަށް ތާވަލުކުރި އަޑުއެހުމެކެވެ. ނަމަވެސް، ކޯޓުގައި އެކަނި ބެލޭ ގޮތަށް ރައްކާތެރިކޮށްފައި ހުރި ބައެއް ހެކިތައް ބަލަން ސާހިލްގެ ފަރާތުން އެދުމުން، އެ ފުރުސަތު ދިނުމަށްޓަކައި ހުލާސާ ބަޔާން އިއްވުން ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ.
ޝިއާއު މަރާލި މައްސަލާގައި ސާހިލްގެ މައްޗަށް މުޅިއަކު ފަސް ދައުވާއެއް ވަނީ އުފުލާފަ އެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ ސާހިލް ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އެހެންނަމަވެސް، މަރުގެ މައްސަލައިގެ އަޑުއެހުންތައް އަދިވެސް ދަނީ ކުރިއަށެވެ.
މައްސަލައިގައި މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ޝާހިލްގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށެވެ. އަދި މަރާލި ގޮތުގެ ތަފްސީލާއި، މޯޓިވްކަމަށް ބެލެވޭ ބައެއް ގަބޫލު ކުރެވޭ ސަބަބުތައް ވެސް އެބަހުރި ކަމަށެވެ. މި މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޝާހިލްގެ މައްޗަށް ސާބިތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ޝިއާއު މަރާލާފައި ވަނީ، ރާވައިގެންކަމަށް ނުބެލެވޭކަމަށާއި އެއީ ދިމާވި ކުއްލިކަމެއްގެ ތެރެއިން ހިނގައިދިޔަ ހާދިސާއެއްކަމަށް ބެލެވޭ ކަމަށެވެ. ޝާހިލް ހައްޔަރު ކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގަ އެވެ.

