އާ ސީ ޕްލޭން ޓާމިނަލާއި ގުޅޭގޮތުް މިހާރުގެ ސަރުކާރުން ނިންމާފައިވާ ގޮތަކީ އެހެން ބަޔަކަށް އެކީގައި އެތަން ދިނުމަށްވުރެ މާރަނގަޅު ގޮތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޭ ދާއިރާގެ މެމްބަރު އަލީ ހުސެން ވިދާޅުވެއްޖެއެވެ.
އާ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި އެމްއޭސީއެލްއާއި ޓީއެމްއޭ ދެމެދު އެއްބަސްވުމަކަށް އާދެވިފައި ނުވާއިރު މި މައްސަލައިގައި އަލީ ހުސެން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސީ ޕްލޭން ޓާމިނަލާއި ގުޅޭގޮތުް މިހާރުގެ ސަރުކާރުން ނިންމާފައިވާ ގޮތަކީ އެހެން ބަޔަކަށް އެކީގައި އެތަން ދިނުމަށްވުރެ މާރަނގަޅު ގޮތެއް ކަމަށާއި އަދި ގައުމުގެ ކަންކަން ނިންމަން ޖެހަޭނީ ވަރަށް ހިކުމަތްތެރި ކަމާއެކު ފަހުން މަޅި ނާރާ ގޮތައް ކަމަށް އަލީ ހުސެން ވިދާޅުވިއެވެ.
އެމްއޭސީއެލްއާއި ޓީއެމްއާ ދެމެދު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ދެކެވޭ ވާހަތަކާއި ގުޅިގެން އަލީ ހުސެން ވިދާޅުވީ އެއްބަސްވުމެއް ލިޔެ ދައުލަތުގެ ފަރާތުން ސޮއިކޮށްފައި ނެތި، ޢެއްބަސްވުމެއް ވުމަށް އެއްބަސްވެ ފޮނުވާ ސިޓީ އަކީ އޭގެ އަމިއްލަ ޒާތުގައި ވިޔަފާރީގެ އެއްބަސްވުމެއް ކަމަށްބަލައިގެން ނުވާނެ ކަމަށެވެ. އަދި ސީ ޕްލޭން ޓާމިނަލްއަކީ ގެއްލުމުގެ ބަދަލު ފަހުން ދޭން ހެދި ތަނަކަށް ވެގެންނުވާނެ ކަމަށް ވެސް އަލީ ހުސެން ވިދާޅުވިއެވެ.
މީގެއިތުރުން އަލީ ހުސެން ވިދާޅުވީ އެންމެގިނަ ސީ ޕްލޭން އޮޕަރޭޓް ކުރާ ބަޔަކަށް ސީ ޕްލޭން ޓާމިނަލް ދޭނަމަ ވެލާނާ އެއާޕޯޓު ހިންގަން ދޭންވާނީ ސްރީލަންކަން އެއާލައިސް ކަމަށް ވިދާޅުވެ ސުވާލު އުފެއްދެވިއެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރި އަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ. ނަމަވެސް މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށެވެ.
މި މައްސަލައިގައި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައި ވަނީ ލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން ރަނގަޅުކަމަށެވެ.
ޒިޔަތު ވިދާޅުވީ ޓީއެމްއޭއިން މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލް ރޫޅާލެވެން އޮތީ އެކުންފުންޏަށް އާޓާމިނަލުން ވީއެންމެ އަވަހަކަށް ޖާގަ ދެވިގެން ކަމަށެވެ. އަދި އެކަން ލަސްވާ ނަމަ އެމްއޭސީއެލްއަށް ބޮޑުގެއްލުމެއް ލިބިގެންދާނެކަމަށް ޒިޔަތު ވިދާޅުވިއެވެ.
އެމްއޭސީއެލްގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ސީޕްލޭން ޓާމިނަލް ޕްރޮޖެކްޓު ހިންގަން އެ ކުންފުނިން ނިންމަން ޖެހުނު މައިގަނޑު ސަބަބަކީ އަލަށް އެޅި ރަންވޭ ސަރަހައްދުގައި މިހާރު ހުރި ސީޕްލޭން އޮޕަރޭޓަރުގެ ފެސިލިޓީ ރީލޮކޭޓު ކުރަން ޖެހުމުން ކަމަށެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ސީޕްލޭން ފެސިލިޓީ ދޫކޮށް އާ ސީޕްލޭން ޓާމިނަލަށް ބަދަލުވުމަކީ އެފަރާތުން އިތުރު ހަރަދެއް ކުރަންޖެހިފައިވާ ކަމަކަށްވާއިރު ރީލޮކޭޓު ކުރެވޭ ފަރާތުން މިހާރުގެ ލައުންޖު ހިންގުމަށް ދޫކޮށް އަދި އޮފީސް ހިންގުމާއި އެހެނިހެން އޮޕަރޭޝަންތަކަށް އައު ސީޕްލޭން ޓާމިނަލް ދިނުމަށް ކަނޑައަޅާފައވާ ޖާގަ ދިނުމަކީ އިންސާފުވެރި ގޮތެއް ކަމުގައި އޮޑިޓާ ޖެނެރަލް ދެކިވަޑައިގަންނަވާ ކަމަށެވެ.

