މީހުން ކިތަންމެ ވަރަކަށް ހައްޔަރުކުރިއަސް އަދި ނޫސްތައް ބަންދުކުރި ނަމަވެސް، ރާއްޖެއަށް އަންނަން އޮތް ބަދަލު ދެން ނުހުއްޓުވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން ރޭ ބޭއްވި ”ބޮޑު ބަދަލު“ ކެމްޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، ގައުމަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް އެންމެން ގަބޫލުކުރާ ކަމަށާއި، މި ވާހަކަ ދެކެވެމުން އަންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. ނަމަވެސް، އިންތިޒާމުވެގެން އެ ބަދަލުތަކާ ހަމައަށް ދިއުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާތަނަށް ފެނިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. ފައްޔާޒް އިތުރަށް ވިދާޅުވީ، މިހާރު ފެންނަމުންދަނީ ފާއިތުވި 20 އަހަރު ކުރި ހެޔޮ މަސައްކަތްތައް ގެއްލިގެންދާ މަންޒަރު ކަމަށެވެ.
”އެންމެ ބޮޑު ބިރަކީ ކޮންމެ ފަސް އަހަރަކުން އެ ހައްގުތައް ގެއްލި، އަނެއްކާވެސް އެންމެން ނުކުމެ އެ ހައްގުތައް ހޯދުމަށް ބިރުވެރި މާހައުލެއްގައި މަސައްކަތް ކުރަން ޖެހުން،“ ފައްޔާޒް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، އަދަދު ނޫހަށް ފުލުހުން ވަދެ ހިންގި އަމަލުތަކުން މިހާރު އޮތް ބިރުވެރިކަން ހާމަވެއެވެ. އަދި ރައްޔިތުންގެ 70 އިންސައްތަ މީހުން ނޫނެކޭ ބުނި ހިސާބުން މިފަދަ ކަންކަން ހިނގާނެކަން އެނގޭ ކަމަށާއި، ސިޔާސީ މީހުން ހައްޔަރުކުރުމަކީ ވެސް ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ބާރުތައް މާ ބޮޑަށް ގަދަވެފައިވާކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، މިއީ ގާނޫނުއަސާސީން މި ގައުމަށް ގެންނަން ބޭނުންވި ބަދަލު ނޫން ކަމަށެވެ. އެބޭފުޅުން ބޭނުންވީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ވެރިންނާއި، ރައްޔިތުންގެ ހައްގުތައް ނަގަހައްޓާނެ މަޖިލީހެއްގެ އިތުރުން، ވަކި ފަރާތަކަށް ނުޖެހި އިންސާފު ފޯރުކޮށްދޭނެ ފަނޑިޔާރުގެއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ޕާޓީއަށް ލިބުނު އެންމެ ބޮޑު ދެރައަކީ ގިނަ ބަޔަކު ޕާޓީއާ ވަކިވެގެން ދިއުން ކަމަށެވެ. އަދި ވެރިކަން ބަދަލުވެގެން ދިޔައިރު ވެސް ރައްޔިތުންނަށް ރަނގަޅު މަގެއް ދެއްކިފައި ނުވާ ކަމަށާއި، އޭގެ ތެރޭގައި އޭނާ ޗެއާޕާސަންގެ މަގާމުގައި ހުރި ދުވަސްތައް ވެސް ހިމެނޭ ކަމަށް އިއުތިރާފުވެވަޑައިގަތެވެ.
ފައްޔާޒް ވިދާޅުވީ، މި ހާލަތު ބަދަލުކުރެވޭނީ އެމްޑީޕީގައި މަގްބޫލު ލީޑަރަކު ހުރެގެން ކަމަށެވެ. މިރޭގެ ބައްދަލުވުމުގައި ފައްޔާޒްގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ކުރީގެ މެންބަރު އީވާ އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

