ދޮގު އިލްޒާމު އަޅުވައި، މުޖުތަމައުގެ ތެރޭގައި ނަފްރަތާއި ފަސާދަ އުފައްދާ ނޫސްވެރިންގެ މައްސަލަ ބެލެން ވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. ހަލީލް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޚަލީލް ވިދާޅުވީ މިނިވަން ނޫސްވެރިކަމުގެ ނަމުގައި، ބައެއް ނޫސްވެރިން އެތައް ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި، މުޖުތަމަޢު ތެރޭގައި ނަފްރަތާއި ފަސާދަ އުފައްދަމުން ދާއިރު އެކަންކަން ބެލެން ވާނެކަމަށެވެ. އަދި މިފަދަ މަދު ”ނޫސްވެރިން“ގެ ސަބަބުން މުޖްތަމައުގައި އޮންނަންޖެހޭ އަދަބު އަޚްލާގު ގެއްލި، އެކަކު އަނެކަކާ މެދު އޮންނަ އިތުބާރު ގެއްލެން މެދުވެރިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ނޫސްވެރިކަމުގެ ޕްރޮފެޝަންއަށް ހުތުރު ނަމާއި ބަސްތައް އަމާޒުވާ ކަމަށް ހަލީލް ވިދާޅުވިއެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މިފަދަ މައްސަލަތައް ދިމާވަނީ ރާއްޖޭގައި ނޫސްވެރިއަކަށް ވުމަށް އެއްވެސް މިންގަނޑެއް ނުވަތަ ޝަރުތެއް ކަނޑައެޅިފައި ނެތުމުންނެވެ.
”އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ވިޔާނުދާ ކަންކަން ނޫސްވެރިކަމުގައި ދިމާވަނީ، ރާއްޖޭގައި ނޫސްވެރިއަކަށް ވުމަށް އެއްވެސް މިންގަނޑެއް، ޝަރުތެއް އަދި ފުރިހަމަ ކުރަންޖެހޭ ތަމްރީނެއް ވެސް ނެތުމުން. ގައުމެއްގެ ހަތަރުވަނަ ބާރަކީ ނޫސްވެރިކަން ކަމަށް ބުނެ އުޅޭއިރު، އެބާރުގެ ވަޒީފާގައި ތިބެންވާނީ ވެސް އެކަށީގެންވާ ތަމްރީނު ލިބިފައިވާ، ކަނޑައެޅޭ ޝަރުތު ތަކެއް ފުރިހަމަވާ ހުނަރުވެރިން،“ ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ، ޒިންމާދާރު އަދި މިނިވަން ނޫސްވެރިކަމަކީ ގައުމުގެ އިޖްތިމާއި ފޭރާމުގެ މުހިންމު ގުނަވަނެއް ކަމަށެވެ. އެހެންކަމުން ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

