އެެމް.އޭ.ސީ.އެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާތްތަކާއި، އެމް.އޭ.ސީ.އެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ފަރާތްތަކާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު ސީ ޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނިކަމަށްވާ ޓީ.އެމް.އޭއާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާ ޢާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާހަގަކުރެވިފައިވާއިރު، އެމް.އޭ.ސީ.އެލްގެ ބޯޑުގެ ކުރީގެ އަދި މިހާރުގެ ބައެއް ފަރާތްތަކުގެ މަސްލަހަތު އެ ކުންފުނިތަކުގައި އެބައޮތް ކަމަށް އެންޓިކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އެމްއޭސީއެލްއިން އައި ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭއަށް ދޭން ނިންމި މައްސަލައިގައި އޭސީސީން މިހާރު ކުރިއަށް ގެންދާ ތަހުގީގާ ގުޅޭ ގޮތުން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ 28 ނޮވެންބަރު 2017 ގައި ބޭއްވި އެމް.އޭ.ސީ.އެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުން ސީ ޕްލޭން އޮޕަރޭޓަރުންނަށް އައު ސީ ޕްލޭން ޓަރމިނަލުން ޖާގަ، އަކަމީޓަރެއް މަހަކަށް $10.35 ގެ ރޭޓުގައި ކުއްޔަށް ދޫކުރުމަށް މަޝްވަރާކުރިއިރު، އެމް.އޭ.ސީ.އެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާތްތަކާއި، އެމް.އޭ.ސީ.އެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ފަރާތްތަކާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު ސީ ޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނިކަމަށްވާ ޓީ.އެމް.އޭއާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާ ޢާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާހަގަކުރެވިފައިވާއިރު، އެމް.އޭ.ސީ.އެލްގެ ބޯޑުގެ ކުރީގެ އަދި މިހާރުގެ ބައެއް ފަރާތްތަކުގެ މަސްލަހަތު އެ ކުންފުނިތަކުގައި އޮންނަކަން އެނގޭ ކަމަށެވެ.
އެހެންކަމުން، އެ ފަރާތްތަކުގެ މަސްލަހަތު އޮންނަ މިފަދަ ކުންފުނިތަކާއި އެމް.އޭ.ސީ.އެލްއާ ދެމެދު ވެވޭ އެންމެހައި އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ނިންމާއިރު، އެ ފަރާތްތަކުގެ މަސްލަހަތު ފުށުއަރާއަކަން އޭސީސީގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާކަން ކޮމިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި މައްސަލައިގައ ިޓީއެމްއޭ އިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނީ އާ ޓާމިނަލް ޓީއެމްއޭ އަށް ދެވޭނެ މުއްދަތާއި ޖާގަ އާއި ކުލި އަދި ކޮންޓްރެކްޓުގެ މުއްދަތާއި ގުޅޭ ގޮތުން ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮތުމަކީ ބެއިން ކެޕިޓަލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތުމަށް އެންމެ ބޮޑު ސަބަބުކަން އެ ކުންފުނިން ސަރުކާރަށް ސާފުކޮށް ދީފައިވާނެ ކަމަށެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ މައްސަލާގައި ވޭތުވެދިޔަ ހަ އަހަރުތެރޭގައި 100 އަށް ވުރެ ގިނަ މުއާމަލާތް ލިޔުމުންނާއި އަނގަ ބަހުން ކުރެވިފައިވާ ކަމަށެވެ. މީގެތެރޭގައި އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު ވެވި ދާނެ އެއްބަސްވުމެއްގެ ޑްރާފްޓް ވެސް ބަދަލު ކުރެވިފައި ވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ޓީއެމްއޭ އިން ބުނެފައިވާ ގޮތުގައި ބޭރުގެ އޮޑިޓް ފާމެއް ކަމަށްވާ އާނަސްޓް އެންޑް ޔަންގް އިން ކޮށްފައިވާ އޮޑިޓުން އެނގޭ ގޮތުގައި މިދިޔަ އަހަރު ލައުންޖު ހިންގައިން އެ ކުންފުންޏަށް ލިބިފައިވަނީ 2.8 ޑޮލަރު ކަމަށާ، އެ ކުންފުނިން މިހާރު ބޭނުން ކުރާ ސީޕްލޭން ޓާމިނަލް އަށް 18.53 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައި ވާނެ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 29، ޖެނުއަރީ 2018 ގަ އެވެ. މިތަން ހަދާފައިވަނީ ހުޅުލެ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކައިގެންނެވެ. މި ތަން ހަދާފައިވަނީ 14،000 އަކަމީޓަރު ސަރަހައްދެއްގަ އެވެ.

