ފްލެޓްތަކުގެ ދާއިމީ ލިސްޓް ހެދީ މިސަރުކާރުން ނޫން ކަމަށާއި، މި ސަރުކާރުން ކުރި ކަމަކީ އެ ލިސްޓް މުރާޖައާކުރުން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު މުޙައްމަދު އިބްރާހިމް ސުވާލު ކުރެއްވީ ފްލެޓް ލިބޭނެ ކަމަށް އެންގުމަށްފަހު، އިތުރަށް ބަލަންޖެހޭ ކަންކަން ހުރި ކަމަށް ބުނެ ބައެއް މީހުންގެ އެގްރީމެންޓްގައި ސޮއިކުރުން ހުއްޓުވާފައިވާތީ އެކަމުގެ ކަންބޮޑުވުންތަކާ ގުޅޭގޮތުންނެވެ. އަދި ރަނގަޅަށް ނުބަލައި އެގްރީމެންޓްތަކުގައި ސޮއިކުރަން ފެށީ ކީއްވެތޯވެސް މެންބަރު ސުވާލު ކުރެއްވިއެވެ.
މިނިސްޓަރ މުއްޠަލިބް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ވެރިކަމުގެ ފަހު ދެދުވަހަށް ވެފައި އޮއްވާ ފައިނަލް ލިސްޓް އާންމުކޮށް، އެއް ސޮފުހާގެ އެގްރީމެންޓެއްގައި ސޮއިކުރިއިރު، ފްލެޓް ދީފައިވަނީ ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށެވެ.
ގެޒެޓްކޮށްފައިވާ ލިސްޓުގައި 76 މާކްސްއަށް ވުރެ މަތިން ލިބުނު އެންމެންނަށް ފްލެޓް ލިބޭނެ ކަމަށް އޮތް ނަމަވެސް، 76 މާކްސްއަށް ވުރެ މަތިން ލިބުނު 325 ފަރާތަކަށް ފްލެޓް އެލޮކޭޓް ނުކޮށް، 75 މާކްސް ލިބުނު 315 ފަރާތަކަށް ފްލެޓް ދީފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި މައްސަލަ ސަރުކާރަށް ފާހަގަކުރެވުނީ އެފްޑީސީން އެގްރީމެންޓްތަކުގައި ސޮއިކުރުމަށް ލިސްޓްތައް ފޮނުވި ހިސާބުން ކަމަށާއި، އެއާއެކު 75 މާކްސް ލިބުނު ފަރާތްތަކުގެ އެގްރީމެންޓްތައް މަޑުޖައްސާލަން އެންގީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ އެއްވެސް ހާލެއްގައި ސިޔާސީ ކަމެއް ނޫން ކަމަށާއި، މިއީ ގެޒެޓްކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުރަން މަޖުބޫރުވި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
”މިއީ އެއްވެސް ގޮތަކަށް ސިޔާސީ ކަމެއް ނޫން، މިއީ ދައުލަތުން ގެޒެޓްކޮށްފައިވާ ލިސްޓެއްގައި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތް ކުރުމަށްޓަކައި ކުރަން މަޖުބޫރުވި ކަމެއް“ މިނިސްޓަރ މުއްޠަލިބް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ އެގްރީމެންޓްގައި ސޮއިކުރުން މަޑުޖައްސާލީ އެއްވެސް ފަރާތެއް އުނިކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި، މި ލަސްވުމަކީ ބަޔަކަށް ދޭން ނިންމާފައިވާ ހައްގެއް ހިމާޔަތްކުރުމަށްޓަކައި ކުރެވުނު ކަމެއް ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން ފްލެޓް ދިނުމުގައި ބޭއިންސާފުން ކަންކޮށްފައިވާކަން މިނިސްޓަރ ތަކުރާރުކުރެއްވިއެވެ.

