ކީސްޓޭޖް 4 ނުވަތަ ގުރޭޑް 9 އަދި 10 ގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ކީރިތި ގުރުއާނުން އިމްތިހާނު ހެދުމުގެ އުސޫލަށް އަމަލު ކުރުން ފަސް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ގައުމީ މަންހަޖެއް ތަންފީޒު ކުރުމަކީ ވަކި ތަރުތީބަކުން، ވަކި އުސޫލަކުން ކުރާ ކަމެއް ކަމަށެވެ. މަންހަޖެއް ފުރިހަމައަށް ތަންފީޒު ކުރާއިރު، އެ މަންހަޖެއްގައި ހިމެނޭ ހުރިހާ މަރުހަލާއެއްގައި ވެސް އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށް ވެސް ފުރިހަމައަށް ލިބެންޖެހޭ ކަމަށެވެ.
އެޑިއުކޭޝަނުން ބުނީ މިހާރު ކީސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކީރިތި ގުރުއާން މާއްދާއެއްގެ ގޮތުގައި ކިޔަވައި ދޭން ފެށީ މުޅިން އަލަށް ކަމަށް ވުމުން އެ ފެންވަރުގައި ކީރިތި ގުރުއާން ކިޔަވައި ދިނުމުގަ އާއި އިމްތިހާނު ކުރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން ކީ ސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ކީރިތި ގުރުއާން މާއްދާއިން އިމްތިހާނެއް ހަދާ މިންވަރަށް ތައްޔާރު ނުކުރެވި ކަމަށެވެ.
ކީރިތި ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ސުކޫލްތަކުގައި ހަރުދަނާ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ މި އަހަރު ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންނަށް އޯލެވެލް އިމްތިހާނުގައި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ޤުރްއާން މާއްދާ ހިމެނުމުން އެ ކަމުގައި ބެލެނިވެރިންގެ ކަންބޮޑުވުންތައް ބަޔާންކޮށް ބެލެނިވެރިންތަކެއް ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނިކޮށެވެ.

