އަތޮޅު ކައުންސިލްތައް އުވާލުމަކީ އަތޮޅުތަކުގެ ތަރައްގީއަށާއި ހިންގުމަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ޒިޔާދު މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ގާނޫނުއަސާސީއަށާް ހުށަހެޅި އިސްލާހަށުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
މެންބަރު ޒިޔާދު ފާހަގަކުރެއްވި ގޮތުގައި އަތޮޅު ކައުންސިލްތައް ހިންގުމުގައި ދަތިތަކެއް ހުރި ނަމަވެސް، މުޅި ނިޒާމު އުވާލުމުގެ ބަދަލުގައި ގެންނަންޖެހެނީ ހިންގުމުގެ ބަދަލުތަކެކެވެ. ކައުންސިލްތައް އުވާލަން އުޅޭ އުޅުމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެއީ ”ފަތްފައިބާތީވެ ގަސްކަނޑާ“ އުސޫލުން ކުރާ ކަމެއް ކަމަށެވެ.
އަތޮޅު ކައުންސިލްތައް ނެތިގެންދާއިރު އަތޮޅުގެ ބޭރު އިހްތިސާސްތަކަށް ވާނެ ގޮތަކާމެދު ޒިޔާދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެ އިހްތިސާސްތަކުގައި އަތޮޅުގެ ރައްޔިތުންގެ ހިއްސާއަކީ ކޮބައިތޯ ސުވާލު އުފައްދަވައި، މިއީ ކައުންސިލްތައް އުވާލާއިރު ފުންކޮށް ވިސްނަންޖެހޭ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.
”ފަތްފައިބާތީވެ ގަސްކަނޑާ އުސޫލުން ކައުންސިލްތައް ހިންގުމުގައި ދަތިތަކެއް ހުރީތީވެ ކައުންސިލްތައް އުވާލަނީ،“ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވިއެވެ.
ރަށްރަށުގެ ތަރައްގީއަށް ބަލާއިރު އަތޮޅު ކައުންސިލްތަކުގެ އެހީތެރިކަމާއެކު ގިނަ ކަންކަމަށް މަގުފަހިވާކަން ފާހަގަކުރައްވައި، ޒިޔާދު ވިދާޅުވީ ކައުންސިލްތައް އުވިގެން ދިއުމުން ރަށްރަށަށް ލިބެމުންދިޔަ ފަސޭހަތައް ގެއްލިގެންދާނެ ކަމަށެވެ. އެހެންކަމުން މިހާރު ހުރި ދަތިތަކަށް މަޖިލީހުގެ ތެރެއިން މަޝްވަރާކޮށްގެން ހައްލެއް ހޯދައި، ގާނޫނުއަސާސީ އިހު އޮތް ގޮތަށް ރުޖޫއަކޮށްދިނުމަށް އޭނާ ގޮވާލެއްވިއެވެ.
ޒިޔާދުގެ ވާހަކަ ނިންމަވާލެއްވީ އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދެމިއޮންނަންޖެހޭ މުހިންމު ބައެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ތަކުރާރުކުރައްވަމުންނެވެ.

