ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރި ސުވާލާއި، ޑޮކިއުމަންޓްރީއެއްގެ މައްސަލައިގައި ހިނގި ކަންތަކާއި ތަފާތުކަމަށް ކުރީގެ ނޫސްވެރިޔާ އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެ އެވެ.
އަޒާން މިހެން ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޒާން ކުރި ސުވާލަކާ ގުޅުވައި، ނޫހެއްގައި ލިޔެފައިވާ ރިޕޯޓަކާ ގުޅިގެންނެވެ.
ރިޕޯޓުގައި ބުނެފައިވަނީ ކުރީގެ ރައީސް ސޯލިހުގެ އިސްތަށިފުޅުގައި ތުހުމަތު އެޅުވި ނަމަވެސް، ސަރުކާރުން އަޒާނާ ދެކޮޅަށް އެއްޗެއް ވިދާޅުނުވާކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ މަގުބޫލުކަން އިތުރުވެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެވުނު ކަމަށެވެ. ނަމަވެސް މިހާރު ރައީސް މުއިއްޒުގެ ސަރުކާރުން ”އަދަދު“ ނޫހުގެ އޮފީސް ފާސްކޮށް، ސާމާނު ގެންގޮސް، ސީއީއޯގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ އެއީ ނުރައްކާތެރި މިސާލެއް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެ ރިޕޯޓުގައި ބުނީ އަޒާންގެ އެ އަމަލު ބައެއް ފަރާތްތަކުން ސިފަކުރީ ”ހީރޯ“ އެއްގެ ގޮތުގައި ކަމަށެވެ.
މި ރިޕޯޓަށް ރައްދު ދީ އަޒާން ވިދާޅުވީ، އެފަދަ އެއްވެސް ތުހުމަތެއް އެއްވެސް އިރަކު ރައީސް ސޯލިހަކަށް އޭނާ ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެދުވަހު ކުރި ސުވާލުގެ ވީޑިއޯ ރައީސް އޮފީހުގެ ވެބްސައިޓުން މިހާރުވެސް ފެންނަން ހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އަޒާން ވިދާޅުވި ގޮތުގައި އެދުވަހު އޭނާ ކުރި ސުވާލަކީ ރައީސް ނަޝީދު، ރައީސް ސޯލިހުގެ މައްޗަށް އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ފަދަ ކުށެއްގެ ތުހުމަތު ކުރެއްވިއިރު، ނަޝީދުގެ މައްސަލަ ނުބަލަނީ ކީއްވެތޯ ކުރި ސުވާލެކެވެ.
ކުރުކޮށް ބުނާނަމަ، ރައީސްގެ މައްޗަށް ރައީސް ނަޝީދު ގަޒްފުކޮށްފައިވާއިރު އެކަން ނުބަލަނީ ކީއްވެތޯ. އަޅުގަނޑު ނޫނީ ދިޔަރެސް ނޫހުން އަމިއްލައަކަށް އެއްވެސް ކަހަލަ ތުހުމަތެއްކޮށްފައި ނުވާނެ
މިހާރު ހިނގަމުންދާ ކަންތައްތަކާއި އޭނާ ކުރި ސުވާލާ ތަފާތުކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ، ދިވެހި ބަހުން ކުރި ސުވާލެއް ފަހުމް ނުވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
އެމްޑީޕީގެ ވެރިކަމުގައި ނޫސްވެެރިއެއްގެ ގޮތުގައި ނޫހެއް ހިންގަމުން ދިޔަ އަޒާން، އޭނާއަށް އޭރު ދިމާވި ދަތިތަކާއި ގުޅޭގޮތުން ވިދާޅުވީ ތަފާތު ދޮގު ތުހުމަތުތަކުގައި ތިން ފަހަރެއްގެ މަތިން އޭނާ ފުލުހަށް ހާޒިރުކޮށް، ކޯޓު އަމުރަކާ ނުލައި ފޯން ކޯލްތައް އަޑުއަހާފައިވާ ކަމަށެވެ. އަދި ބޭރު ގައުމެއްގެ އެމްބަސީއަށް ބޮމުގެ ހަމަލާއެއް ދޭނެކަމަށް މީހަކު ކުރި ޓުވީޓެއްގެ ޒިންމާ އޭނާގެ ބޮލުގައި އަޅުވައި، އާއިލާ ނުރައްކަލުގެ ތެރެއަށް ވައްޓާލިކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ”ދިޔަރެސް“ ނޫހުގެ ހިއްސާދާރަކު ވަޒީފާއިން ވަކިކޮށް، ނޫހަށް އެހީތެރިވި ކުންފުނިތަކަށް ބިރުދެއްކި ކަމަށްވެސް އަޒާން ވިދާޅުވިއެވެ. މި ހުރިހާ ކަމެއް ހިނގިއިރު، ރިޕޯޓު ލިޔުނު ނޫސްވެރިޔާ އެމްޑީޕީގެ ސަރުކާރުގެ ނެރޭޓިވް ޕްރޮމޯޓް ކުރުމަށް މަސައްކަތްކުރިކަމަށް އަޒާން ވިދާޅުވި އެވެ. އަދި 30 އަހަރުގެ ނޫސްވެރިކަމުގެ ބޮޑުބައި އެ ނޫސްވެރިޔާ ހޭދަކުރީ ހުދުމުހުތާރު ވެރިކަމެއްގެ މޫނުމަތި އޮމާންކުރުމުގައިކަމަށް ވިދާޅުވި އެވެ.

