ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ހެލްތު މިނިސްޓަރު ގީލާ އަލީ އާއި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ނަފްސާނީ ސިއްހަތުގެ ދާއިރާއިން މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި ނަފްސާނީ ބަލިތަކާ ގުޅުންހުރި މައްސަލަތަކުގައި ފުލުހުން މައިދާނުގައި ހަރަކާތްތެރިވާއިރު ދިމާވާ ދަތިތަކާއި، އެކަންކަމަށް ގެނެވިދާނެ ހައްލުތަކާ ގުޅޭ މައުލޫމާތު ސީޕީ ވަނީ މިނިސްޓަރ އާއި ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، އެމީހަކު ހުރި ރަށަކުން ފަސޭހަކަމާއެކު ނަފްސާނީ އެހީތެރިކަން ލިބޭނެ އިންތިޒާމުތައް ފަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ. އަދި ހުރިހާ އުމުރުފުރައަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ފުޅާކުރުމަކީ މިވަގުތަށް ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
މުޖުތަމައުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ސީރިއަސް މައްސަލަތަކާއި، އަމިއްލައަށް މަރުވުމުގެ ހާދިސާތައް އިތުރުވަމުންދާތީ، އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި ގީލާ ވަނީ ހެލްތް މިނިސްޓްރީން ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާނެކަމަށް ވިދާޅުވެފަ އެވެ.

