ސަރުކާރުގެ ޖުމްލަ ހަރަދުގެ ތެރެއިން ސިޔާސީ މުވައްޒަފުންނަށް ކޮންމެ މަހަކު ހަރަދުކުރަނީ %1 އަށް ވުރެ ވެސް ދަށް އަދަދެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރުތައް ކުޑަކުރަން އުފައްދާފައިވާ ވަޒީރުންގެ ކޮމިޓީން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ސިޔާސީ މުވައްޒަފުންނަށް މާ ބޮޑު ހަރަދެއް ނުވާ ކަމަށެވެ.
”ސަރުކާރުގެ ޖުމްލަ ހަރަދުގެ %0.9، %1 އަށް ވުރެ ދަށް އަދަދެއް އެއީ ބަޖެޓުގެ ހަރަދުގެ ތެރޭގައި ސިޔާސީ މުވައްޒަފުންނަށް މި ހަރަދުކުރެވެނީ. މުޅި ދައުލަތުގެ މަހު ޕޭ ރޯލަށް ބަލައިފި ނަމަ އެއީ %3.9 ގެ އަދަދެއް،“ މިނިސްޓަރު ތަފްސީލު ދެއްވި އެވެ.
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުވާލައްވަމުން ޒަމީރު ވިދާޅުވީ، މިހާރު ވަޒީފާތަކުގައި ތިބި މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މުވައްޒަފުން މަދުކުރުމަކީ އެއް ދުވަހުން ވަގުތުން ކަނޑާލެވޭ ވަރަށް ވުރެ އުނދަގޫ ކަމެއް ކަމަށާއި، ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ފަހު ނޫނީ މުވައްޒަފުން ވަކިނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ސިޔާސީ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެއްވެސް މުސާރައެއް އިތުރުކޮށްފައި ނުވާނެ ކަމަށާއި، މިދިޔަ އަހަރުން ފެށިގެން ސިޔާސީ މުވައްޒަފުންގެ މުސާރައިން %10 އުނިކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށާއި، އެކަމުގެ ތަފްސީލުތައް ލިބުމުން އިދާރާތަކުން ހާމަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މެލޭޝިއާ އެމްބަސީގައި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ތިބުމާއި، ކޮންމެ ތިން މަހަކުން މުވައްޒަފުން ބަދަލުކުރާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ކުރި ސުވާލަށް މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް ފޮރިން މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ އެމްބަސީތަކުގައި މުވައްޒަފުން ބައިތިއްބަނީ މިނިސްޓްރީގެ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ފަދަ ގާބިލު މީހުންނަށް ބަލައިގެން ކަމަށެވެ.

