ނޫސްވެރިކަމުގެ މިނިވަންކަން ދިފާއު ކުރުމުގައި ސަންގު ޓީވީން ކުރަމުންދާ މަސައްކަތްތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ކުރައްވައި، އެ ސްޓޭޝަނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ތައުރީފް ކުރެއްވީސަންގު ޓީވީގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ އެކްސްގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
މި މުނާސަބަތުގައި ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،
”ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެންމެ މުހިންމު އެއް ހައްގު“ ކަމަށެވެ. އަދި އެ ހައްގުގެ ދިފާއުގައި ސަންގު ޓީވީން ކުރެއްވި އަދި ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އެމަނިކުފާނު ވަނީ އައްސަރިބަހާއި ސާބަސް ދަންނަވާފައެވެ.
ރައީސް ނަޝީދުގެ މެސެޖުގައި، ސަންގު ޓީވީގެ 11 ވަނަ އަހަރީ ދުވަހުގެ އުފާވެރި ތަހުނިޔާ އެ ސްޓޭޝަނުގެ މެނޭޖްމަންޓަށާއި ހުރިހާ މުވައްޒަފުންނަށް ވަނީ އަރިސްކުރައްވާފައެވެ. މިއީ އެ ސްޓޭޝަނުން ނޫސްވެރިކަމުގެ ދާއިރާގައި ކުރަމުންދާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފޮނުއްވި މެސެޖެކެވެ.

