ނިމިދިޔަ މާރޗު މަހު ދިވެހި ފުލުހުންގެ ހިދުމަތަށް އެންމެ ގިނައިން ހުށައަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން އާންމުކުރި ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ފުލުހުންނަށް ޖުމްލަ 874 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.
މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުގެ 240 މައްސަލައެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަން ކުރުމުގެ މައްސަލަތަކެވެ. އެއީ 236 މައްސަލައެވެ. މީގެ އިތުރުން މަސްތުވާތަކެއްޗާ ގުޅޭ 169 މައްސަލައަކާއި، އެއްޗެހި ގެއްލުމުގެ 75 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން އެހެނިހެން ބައެއް ކުށްތަކަށް ބަލާއިރު، މުދަލަށް ގެއްލުން ދިނުމުގެ 37 މައްސަލަ، އަނިޔާ ކުރުމުގެ 37 މައްސަލަ، ޖިންސީ ގޯނާގެ 24 މައްސަލަ، ގެވެށި އަނިޔާގެ 22 މައްސަލަ، މަކަރާއި ހީލަތް ހެދުމުގެ 16 މައްސަލަ، ފޭރުމުގެ 16 މައްސަލަ އަދި ފޯޖް ކުރުމުގެ 2 މައްސަލަ ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މާރޗް މަހު ވައްކަމާއި އެކްސިޑެންޓްގެ މައްސަލަތައް ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދަށްވެފައެވެ. ފެބްރުއަރީ މަހު 282 ވައްކަމުގެ މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މާރޗް މަހު އެ އަދަދު ވަނީ 236 އަށް ތިރިވެފައެވެ. އަދި އެކްސިޑެންޓުގެ އަދަދު ވެސް ވަނީ 270 އިން 240 އަށް ދަށްވެފައެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ”ރައްކާ ރޯޑްޝޯ“ ގެ ސިލްސިލާ ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދެއެވެ. މިއީ އެކްސިޑެންޓްތައް މަދުކޮށް، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ ކެމްޕޭނެކެވެ.
މި ޕްރޮގްރާމަކީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ކައުންސިލްތަކާއި އަދި އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގާ މުހިންމު ހަރަކާތެކެވެ.

