ރާއްޖޭގެ ރަށްތަކަށް ހަގީގީ މުއްސަނދިކަމާއި ތަނަވަސްކަން ލިބޭނީ ބާރުތައް މަދު ބައެއްގެ އަތްމަތީގައި ޖަމާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ރަށްތަކަށް ބާރުވެރިކަން ދޫކޮށްލައިގެން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ޕާޓީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ، ރައީސް ނަޝީދު މިވަގުތު ހުންނެވީ އެމަނިކުފާނުގެ ޓީމާއި އެކު ދ. އަތޮޅުގަ އެވެ. މި ދަތުރުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގެން ދެ ބޭފުޅުންގެ ފަރާތުން ހުށަހަޅާ ”ބޮޑު ބަދަލު“ ގެ މައުލޫމާތުތައް ދަނީ ހިއްސާ ކުރައްވަމުންނެވެ
ތ އަތޮޅު ނިންމަވާލެއްވުމަށް ފަހު މިރޭ، ދ. ކުޑަހުވަދޫގައި ބޭއްވި ބައްދަލުވުމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަށް ގެންނަން އުޅޭ ”މި ބޮޑު ބަދަލު“ ގެ މައިގަނޑު މަގްސަދަކީ ހިޔާލުފާޅުކުރުމާއި، ބަހުސްކުރުމާއި އަދި ބާރުތައް ބަހާލައިގެން ރަށްރަށުގެ އިގްތިސާދު ކުރިއެރުވުން ކަމަށެވެ. އެގޮތުން ކުޑަހުވަދޫ ފަދަ ރަށްތަކަށް ބާރުތައް ހޯދައިދިނުމަކީ މި ބަދަލުގެ އެންމެ މުހިންމު އެއް އަމާޒު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި އިގްތިސާދީ ތަފާސްހިސާބުތަކުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕ އެނގުނު ނަމަވެސް، ވަކިވަކި ރަށްތަކުގެ އުފެއްދުންތެރިކަމާއި، އިންފްލޭޝަން އަދި ވަޒީފާގެ ފުރުޞަތުތައް ހުރި މިންވަރު އެނގެން ނެތުމަކީ އިންވެސްޓަރުން ޖެހިލުންވާކަމެއް ކަމަށެވެ.
އިންވެސްޓަރަކު އިންވެސްޓް ކުރަން ބަލާއިރު އޭނާ ބަލާނީ ރިސްކު ހުރި މިންވަރު. އެ ރިސްކު ބިނާވަނީ މި ދެންނެވި އަދަދުތަކަށް. ކުޑަހުވަދޫގެ ތަފާސްހިސާބުތައް ފެންނަން ހުރިނަމަ، އަޅުގަނޑު އަންދާޒާ ކުރާ ގޮތުގައި ރާއްޖޭގެ ކުރިއެރުން 4 އިންސައްތައިގައި ހުރިއިރު، ކުޑަހުވަދޫގެ ކުރިއެރުން ހުންނާނީ 15 އިންސައްތައިގައި. އެ ހިސާބުތައް ފެންނަން އޮތް ނަމަ އިންވެސްޓަރުން ދުވާނީ ކުޑަހުވަދޫއަށް
މީގެ އިތުރުން، ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ދަރަންޏަށް ފައިސާ ނެގުމާއި ލޯނު ނެގުމުގެ ބާރު އޮތްކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ މި ބަދަލާއެކު ކުޑަހުވަދޫގައި މަގު ހެދުމާއި، ބަނދަރުގައި ކޮންޓެއިނަރު ކްރޭން ބެހެއްޓުން ފަދަ ބޮޑެތި މަޝްރޫޢުތައް ކައުންސިލަށް އަމިއްލައަށް ހިންގޭނެ ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މި ބަދަލު ގެނައުމަށްޓަކައި އެމްޑީޕީގައި ވަކި ޑިޕާޓްމަންޓެއް އުފައްދައި، ކައުންސިލްތަކުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި އެހީތެރިވެދޭނެ ކަމަށެވެ. އަދި މި މަސައްކަތުގައި އެމަނިކުފާނާއެކު ފަޔާޒް ހުންނެވިކަން ފާހަގަކުރައްވައި، ފަޔާޒަކީ މިހާރު ފެންނަން ހުރި ވަރުގަދަ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދައަށް އިންތިޒާމްވެފައިވާ މުއައްސަސާކަމަށާއި، އެމްޑީޕީ މެދުވެރިކޮށް ރަށްރަށަށް މި ބޮޑު ބަދަލު ގެނެސްދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

