ދައުލަތުގެ ބަޖެޓާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުމަށް އިދިކޮޅު އެމްޑީޕީން ލަދުގަންނަން ޖެހޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިހެން ވިދާޅުވީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޢަފޫރު މޫސާ (ގަޕޯ) ދެއްކެވި ވާހަކަފުޅުތަކަކަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝަކީލް ވިދާޅުވީ ބަޖެޓާ ގުޅޭ ވާހަކަތަކަކީ ބަޖެޓަށް ވޯޓު ނުދޭ ބަޔަކު ދައްކަން ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ލިބެންޖެހޭ ކޮން ފައިސާއެއްގެ ވާހަކައެއްތޯ އައްސަވައި ޝަކީލް ވަނީ ސުވާލު އުފައްދަވާފައެވެ. އޭނާ އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ދައުލަތުގެ ބަޖެޓު ފާސްކުރަން އެމްޑީޕީގެ އެއްވެސް މަޖިލިސް މެންބަރަކު ވޯޓު ދެއްވިތޯ ބަލަން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޢަފޫރު މޫސާ ވިދާޅުވެފައިވަނީ، ޕާޓީގެ ޗެއާޕާސަން ހޮވާ އިންތިޚާބާއި ގައުމީ މަޖިލީހުގެ އިންތިޚާބު ބާއްވަން ޕާޓީގައި ފައިސާ ނެތް ކަމަށެވެ. އަދި މިއަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައި ނުވާތީ ޕާޓީ ހިންގުމަށާއި އިންތިޚާބު ބޭއްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައްދު ދެއްވާފައެވެ. ޣަފޫރު ވިދާޅުވި ގޮތަށް މާލީ ދަތިތަކެއް ހުރި ނަމަވެސް، ޕާޓީއަށް އެހީތެރިވުމަށް ވަރަށް ގިނަ ވިޔަފާރިވެރިން ތިބީ ތައްޔާރަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތަކީ ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ވީހާވެސް އަވަހަށް ބާއްވާ ނިންމާލުން ކަމަށް އެމަނިކުފާނު ލަފާދެއްވިއެވެ.
ޝަކީލްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނީ ބަޖެޓަށް ވޯޓު ނުދީ، އަނެއްކޮޅުން ބަޖެޓުން ފައިސާ ނުލިބޭ ކަމަށް ބުނެ ޝަކުވާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެއެވެ. މިކަމުގެ ސަބަބުން އިދިކޮޅު ޕާޓީގެ އިސް ބޭފުޅުން ބަޖެޓުގެ ވާހަކަ ދައްކާއިރު ލަދުގަންނަން ޖެހޭނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

