ސްރީ ލަންކާއާ އެކު މިއަދު ސޮއިކުރި ހަތް ދާއިރާއެއްގެ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ލަންކާގެ ރައީސާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވި ކަމަށާއި، ދެ ގައުމުގެ ދެމެދުގައި މުހިއްމު ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމަންޓް، ސިއްހީ ދާއިރާ، ޑިފެންސް އަދި ސެކިއިރިޓީ، ތައުލީމް، ކުޅިވަރު، މަސްވެރިކަން، ތިމާވެށި އަދި އިޖުތިމާއީ ތަރައްގީ ހިމެނެ އެވެ.
އިގުތިސާދީ ދާއިރާއިން ކުރެވުނު މަޝްވަރާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިންވެސްޓަރުންނާ ގާތް މާހައުލެއް ގާއިމުކުރުމާއި ވިޔަފާރީގެ އާ ފުރުސަތުތަކެއް ފަހިކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މާދަމާ ލަންކާގައި ބާއްވާ ބިޒްނަސް ފޯރަމަކީ ރާއްޖޭގައި ހުރި ފަހި ފުރުސަތުތައް އޮޅުންފިލުވައިދީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށްދޭނެ މުހިއްމު މަގެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މަސްވެރިކަމުގެ ދާއިރާއިން ދިވެހި މަސްވެރި އުފެއްދުންތައް ލަންކާގެ މާކެޓަށް ގެނައުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން ރައީސް ހާމަކުރެއްވި އެވެ. އެމަނިކުފާނު އުއްމީދު ކުރައްވަނީ ދެ ގައުމުގެ އިގުތިސާދީ ގުޅުން އެއްހަމަކޮށް، އޭގެ ސަބަބުން ދެ ގައުމަށް ވެސް އެއްވަރަކަށް ފައިދާ ކުރާނެ ގޮތްތަކެއް މެދުވެރިވުމެވެ.
މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މޫސުމީ ނުރައްކާތަކަކީ ދެ ގައުމަށް ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށާއި، ބައިނަލްއަގްވާމީ މައިދާނުގައި މިކަމަށް ވަކާލާތު ކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. މިއީ ރާއްޖެ އާއި ލަންކާގެ ގުޅުމުގެ މުޅިން އާ ބާބެއް ފެށޭ ދުވަހެއް ކަމަށް ވެސް ރައީސް ސިފަކުރެއްވި އެވެ.
ބަޔާން ނިންމަވާލައްވަމުން ރައީސް ވިދާޅުވީ ރާއްޖެ އަބަދުވެސް ދެމިއޮންނާނީ ލަންކާއާއެކު އޮތް ގުޅުން ބަދަހިކުރުމުގައި ކަމަށެވެ. އަދި ދެ ގައުމުން އެކުގައި ކުރާ މަސައްކަތްތަކުން ހަގީގީ ނަތީޖާ ނެރެ، ރައްޔިތުންނަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

