ކުޑަކުދިންގެ ހައްގުތައް، ރައްކާތެރި ކުރުމަށް ސަރުކާރުން ގެނައި ކުޑަކުދިންގެ ހައްގުތަކާއި ބެހޭ އައު ގާނޫނަށް މިއަދު އަމަލު ކުރަން ފަށެމާއެކީގައި ނިޒާމީ ގޮތެއްގައި ކުޑަކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވައި، އިހުމާލުވާ ފަރާތްތައް ޖަވާބުދާރީކުރުވޭނެ. ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނެއް އަލުން އެކުލަވާލަން ސަރުކާރުން ނިންމަވާފައި ވަނީ މިހާރު އަމަލު ކުރަމުންދާ ގާނޫނު ބައްޓަން ކުރެވިފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާން ކޮށްފައިވާ އެންމެހާ ހައްގުތައް އޭގެ އެންމެ ފުޅާމިނުގައި ލިބިދެވޭ ފަދަ ގޮތަކަށް ކަމުގައި ނުވާތީއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭ ގާނޫނު ކުޑަކުދިންގެ އަދުލުގެ ގާނޫނު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން، އެ ބިލު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރެވޭތާ ތިން މަސް ދުވަހުގެ ތެރޭގައި އެއަށް އަމަލު ކުރަން ފަށާނެ އެވެ. އެހެން ކަމުން މިއަދު މިވަނީ ކުޑަކުދިންގެ އައު ގާނޫނަށް އަމަލު ކުރަން ފަށާފައެވެ.
ކުޑަކުދިންގެ ހަްގުތައް ރައްކާތެރި ކުރުމުގެ އައު ގާނޫނަށް މިއަދު އަމަލު ކުރަން ފެށުމާއި ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީމި އަދު ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ، މާދަމާ ޤައުމު ޙިމާޔަތްކުރުން ކަމަށެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ނިޒާމީ ގޮތެއްގައި ކުޑަކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވައި، އިހުމާލުވާ ފަރާތްތައް ޖަވާބުދާރީކުރުވޭނެ ކަމަށް އޭޖީ ވިދާޅުވިއެވެ.
https://twitter.com/ibriffath/status/1230206475076853761
މި ގާނޫނާއި އެކު، ކުޑަކުދިންގެ މައްސަލަތަކުގައި ފުލުހުންގެ ޖަސްޓިސް ޑިޕާޓްމެންޓާއި ގުޅިގެން، ކުއްޖާގެ ރިސްކް އެސެސްމެންޓު ހެދޭނެއެވެ. އަދި އޭގެ ނަތީޖާއަށް ބިނާކޮށް އިތުރު ފިޔަވަޅެއް ނާޅާ، ނަސޭހަތްދީ ނިންމާލަން ޖެހޭ ހާލަތެއްގައި ޑައިވާޝަންއެއްގެ ދަށުން ފިޔަވަޅެއް އެޅުމަށް ނިންމުން ނުވަތަ މައްސަލަ ތަހުގީގު ކުރަން ނިންމުމުމުގެ ބާރު ލިބިގެންދާނެއެވެ. އަދި ޑައިވާޝަންގެ ނިޒާމުގެ ދަށުން އެޅިގެންދާ ފިޔަވަޅުތަކުގެ ތެރޭގައި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ކިބައިން މާފަށް އެދުމާއި ގެއްލުމުގެ ބަދަލު ދިނުމާއި، ކައުންސިލިންގް، ތައުލީމީ، ވޮކޭޝަނަލް، ލައިފްސްކިލް ނުވަތަ ކޮމިއުނިޓީ ސާރވިސް ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވާ، އެފަދަ ފިޔަވަޅުތަކުގެ ދަށުން ވެސް އެ ކުދިން ދޫކޮށްލެވޭނެ އިންތިޒާމް، ލިބިގެންދާނެއެވެ.
ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ މަޤްސަދު ތަކުގެ ތެރޭގައި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި، ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިއުމާއި، ޖެންޑާރ މިނިސްޓްރީގެ ދާށުން ކުދިން ފޮސްޓާ ކުރެވޭ އުސޫލުތައް ކަނޑައެޅުމާއި، ކުޑަކުދިންނަށް އަޅާނުލާ މީހުންނާއި، އެކުދިންނަށް އިހުމާލުވާ މީހުންނާއި މެދު ފިޔަވަޅު އެޅޭނޭ ގޮތްތައް ކަނޑައެޅުން ހިމެނެއެވެ.
ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން ހިމެނޭއިރު ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގަ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމައާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ވެސް މިބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށާފައި މިވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

