”އަދަދު“ ނޫހުން އާންމުކުރި ”އައިޝާ“ ޑޮކިއުމަންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ފުރިހަމައަށް ކިޔަމަންވުމަށް އިލެކްޝަންސް ކޮމިޝަންއިން ހުރިހާ ސިޔާސީ ޕާޓީތަކަށް އަންގައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފޮނުވި އެންގުމުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފްކޮށް ހަދާފައިވާ ކަމަށް ބުނާ މި ޑޮކިއުމަންޓްރީގެ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އާންމުނުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ސިޔާސީ ހަރަކާތްތައް ހިންގުމުގައާއި އާންމު އެއްވުންތަކުގައި މި އަމުރާ އެއްގޮތަށް އަމަލުކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، މި މައްސަލައަކީ މުޖުތަމައުގެ އަހުލާގީ މިންގަނޑުތަކާ ގުޅުންހުރި ކަމަކަށްވާތީ، ޝަރީއަތުގެ އެއްވެސް ތަފްސީލެއް އާންމުކުރުމަކީ މަނާކަމެކެވެ. މީގެ އިތުރުން، މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް އާންމުކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ އަމަލެއް ކަމަށް ވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވާކަން އީސީން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައަށް މަގުފަހިވި ”އައިޝާ“ ޑޮކިއުމަންޓްރީ ”އަދަދު“ ނޫހުން ޝާއިއުކުރީ މިއަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ. އެ ޑޮކިއުމަންޓްރީގައި އިންޓަވިއު ދިން އަންހެން މީހާ ވަނީ ރައީސް މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ ”އަދަދު“ ނޫހުގެ އޮފީސް ބަލައިފާސްކޮށް، ބައެއް އިލެކްޓްރޯނިކް އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ އަންހެން މީހާގެ އިތުރުން، އެ ނޫހުގެ ސީ.އީ.އޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރު ހަސަން މުޙައްމަދުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.
މިހާރު މި މައްސަލައިގައި ”އަދަދު“ ނޫހުގެ ސީ.އީ.އޯ އަދި ޗީފް އެޑިޓަރު ހުސައިން ފިޔާޒް މޫސާގެ އިތުރުން މެނޭޖިންގ އެޑިޓަރު ހަސަން މުޙައްމަދުގެ މައްޗަށް ދައުލަތުން ވަނީ ޖިނާއީ ދައުވާ އުފުލާފައެވެ.

