ކުރީގެ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު މިއަދު ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުމުގައި، ދައުލަތުގެ ދަރަނި ދެއްކުމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރުގެ ލޯނުތައް، ކުރީ ސަރުކާރުން ނުދައްކާ ރޯލްއޯވާ ކުރަމުން ގޮސް މި ސަރުކާރަށް އެ ދަރަނި ވާރުތަވި ކަމަށެވެ. ނަމަވެސް މިހާތަނަށް އޭގެ ތެރެއިން ޖުމްލަ 100 މިލިޔަން ޑޮލަރު ދައްކާ ނިމިފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މި ލޯނުތަކުގެ ތެރެއިން ފުރަތަމަ 50 މިލިޔަން ޑޮލަރު ދައްކާފައިވަނީ މިއަހަރުގެ ޖަނަވަރީ 7 ގައެވެ. އަދި މޭ 11 އަށް ދައްކަންޖެހޭ 50 މިލިޔަން ޑޮލަރުވެސް މިހާރު ދައްކާ ޚަލާސްކޮށްފައިވާ ކަމަށާއި، ބާކީ އޮތް 50 މިލިޔަން ޑޮލަރު މިއަހަރުގެ ސެޕްޓެމްބަރު 17 ގައި ދައްކަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”މިކަންކަން އަޅުގަނޑުމެން މިކުރަނީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި، ރައްޔިތުންގެ ބޮލުން ދަރަނި ފިލުވުމަށްޓަކައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައިވެސް އަޅުގަނޑުމެން މިގޮތަށް ރައްޔިތުންގެ ބޮލުގައި އަޅުވާފައިހުރި މިކަހަލަ ބޮޑެތި ދަރަނިތަކުން ރައްޔިޔުން ސަލާމަތް ކުރަމުން ގެންދާނަން،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި ފާއިތުވި 40 ދުވަހުގެ ތެރޭގައި ސުކޫކާއި ސްވޮޕް އަދި އެކި ލޯނުތައް ހިމެނޭހެން ޖުމްލަ 974 މިލިޔަން ޑޮލަރު ދައުލަތުން ވަނީ ދައްކާ ޚަލާސްކޮށްފައެވެ.

