ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، ކުޑަކުދިންގެ ލޮލުގެ ސިއްހަތު ދެނެގަތުމަށާއި ލޮލުގެ މައްސަލަތަކަށް އަވަހަށް ފަރުވާ ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން އައިކެއާ ހޮސްޕިޓަލުން ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފިއެވެ.
”ބްރައިޓް އައިސް – ބޭސިކް“ އަދި ”ބްރައިޓް އައިސް – އެޑްވާންސް“ ގެ ނަމުގައި ތައާރަފްކުރި މި ދެ ޕެކޭޖަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ހިދުމަތްތަކެކެވެ. މި ކެމްޕޭނުގެ ދަށުން މި ޕެކޭޖްތަކުން އިންޝުއަރެންސް ކެނޑުމަށްފަހު ދައްކަންޖެހޭ ފައިސާއިން 30 އިންސައްތައިގެ ބޮޑު ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަދު ދުވަސްކޮޅަކަށް ހުޅުވާލާފައިވާ ހާއްސަ ފުރުސަތަކަށް ވާއިރު، މިހާރު މި ޕެކޭޖުތަކުގެ ދަށުން ހިދުމަތް ހޯދުމަށް އައިކެއާއިން އެޕޮއިންޓްމަންޓް ހެއްދޭނެއެވެ.
އައިކެއާއިން ތައާރަފްކުރި ”ބޭސިކް“ ޕެކޭޖުގައި ހިމެނެނީ ލޮލުގެ ފެނުން ޓެސްޓުކުރުމާއި، ލޮލުގެ ނަންބަރު ބެލުމުގެ އިތުރުން ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުގެ ހިދުމަތެވެ. އަދި ”އެޑްވާންސް“ ޕެކޭޖުގައި މި ހުރިހާ ހިދުމަތްތަކުގެ އިތުރުން ކޯނިއަލް ޓޮޕޮގްރަފީ އާއި ފަންޑަސް ފޮޓޯގްރަފީ ފަދަ އިތުރު ޓެސްޓުތައް ހިމެނެއެވެ.
މިފަދަ ޕެކޭޖްތަކެއް ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ، ކުޑަކުދިން ބޮޑުވަމުން އަންނަ ދުވަސްވަރު ލޮލުގެ ފެނުން ގަވާއިދުން ޗެކްކުރުމަށް ބެލެނިވެރިންނަށް ބާރުއެޅުމެވެ. އައިކެއާ ހޮސްޕިޓަލުން ފާހަގަކުރާ ގޮތުގައި، މިހާރަކަށް އައިސް ކުދިން ސްކްރީން ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ލޮލަށް ކުރާ ބާރު ބޮޑުވެ، ސިއްހީ ގިނަ މައްސަލަތަކެއް ދަނީ ފާހަގަވަމުންނެވެ.
ގިނަ ފަހަރަށް ކުޑަކުދިންނަށް އެކުދިންގެ ލޮލުގެ ފެނުމުގެ މައްސަލައެއް ހުރި ނަމަވެސް އެކަން ބުނެދޭން ނޭނގުމަކީ ބެލެނިވެރިންނަށް ދިމާވާ ބޮޑު ގޮންޖެހުމެކެވެ. މީގެ ސަބަބުން ކުދިން އުނގެނުމަށާއި، ކަންކަމަށް ސަމާލުކަން ދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. އައިކެއާއިން ބުނާ ގޮތުގައި މި ޕެކޭޖުތަކުގެ އެހީގައި މިފަދަ މައްސަލަތައް ކުރިއާލާ ދެނެގަނެ، އެކަށީގެންވާ ފަރުވާ ހޯދުމަށް ފަސޭހަ މަގެއް ފަހިވެގެންދާނެއެވެ.
މިއީ ކުދިންގެ ލޮލުގެ ސިއްހަތަށް އިސްކަންދީ، ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ ބޮޑެތި ބަލިތަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެހެންކަމުން، މި ލިމިޓަޑް އޮފާގެ ބޭނުން ހިފައި، ދަރިފުޅުގެ ލޮލުގެ ފެނުން ކަށަވަރުކުރުމަށް އައިކެއާއިން ބެލެނިވެރިންނަށް އިލްތިމާސްކުރެއެވެ.

