ކ، ތުލުސްދޫގައި މިއަދު ފަށާ ވޯކްޝޮޕެއްގައި ބައިވެރިވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަލާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސް ނަޝީދު ހާޒިރުވެ ވަޑައިގެންނވެން ނެތް ވާހަކަ ވިދާޅުވެ ސަބަބު ބަޔާންކޮށް މަޖިލީހުގެ އިދާރާއަށް ނޯޓެއް ފޮނުއްވާފައިވާ ކަމަށެވެ.
އެގޮތުން އިވާ ވިދާޅުވި ގޮތުގައި ނަޝީދު ސަލާން ވިދާޅުވީ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ފަރާތުން ތުލުސްދޫގައި މިއަދު ފަށާ ވޯކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން، މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގަންނަވާނަމަ ސަބަބު ބަޔާންކޮށް މަޖިލީހަށް ސަލާމް ވިދާޅުވާން ޖެހެ އެވެ. ނޫނީ ރަސްމީ ދަތުރުފުޅެއްގައިވާނަމަ އެ ކަމެއް ބަޔާންކޮށް އަންގަން ޖެހެ އެވެ. އެއްވެސް ސަބަބެއް ނެތި ހާޒިރުވެވަޑައިނުގަންނަވާ ޖަލްސާތަކަށް މެންބަރުގެ މުސާރައިން އުނިކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

