ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް: ”އަދީބާއި ޒިޔަތަކީ ދެ ފާސިގުން، ހެކި ބަސް ނުނެގޭނެ!“ – ރައީސް ޔާމީންގެ ވަކީލު

ކަފާލާތަކީ ކުށްވެރިންނަށް ލިބިގެންވާ އަސާސީ ހައްގެއް ނޫން ކަމަށް ކަމަށް ފަނޑިޔާރުން އިއްތިފާގުވެފައިވޭ - ފޮޓޯ- އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރިކަމުގެ ދައުވާ ދައުލަތުން ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލައި އެ ދައުވާ ސާބިރު ކުރުމަށް އެމަނިކުފާނާ ދެކޮޅަށް ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭގެ މަންފާ އަދީބަށް ލިބެން އޮތްކަމަށް ބެލެވޭނެ ކަމަށް ރައީސް ޔާމީން ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ފާހަގަކޮށްފިއެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމް ހައިކޯޓަށް ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާއިރު، ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމާއި އަދި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ނިމިދިޔަ އަޑުއެހުމުގައި ހުކުމްކޮށްފައެވެ. އެއަށްފަހު މިއަދު އިތުރު އަޑުއެހުމެއް ބާއްވާފައިވަނީ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ދިފާއަށް ހުށަހަޅާ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ދިފާއަށް 75 ނުކުތާ ހުށަހެޅިއެވެ. އެހެން ނަމަވެސް، އެ ހުރިހާ ނުކުތާތަކުގެ ތަފްސީލަށް ނުދެވުނީސް އަޑުއެހުމަށް ޝަރީޢަތުން ކަނޑައަޅާފައިވާ ވަގުތު ހަމަވުމުން ވަނީ  ޝަރީއަތް ނިންމާލާފައެވެ.

ދޮޅު ގަޑިއިރަށް ދެމިގެން ދިޔަ އެ އަޑުއެހުމުގައި 75 ނުކުތާ ހުށަހެޅުމަށްފަހު، ވަކިވަކީން ކޮންމެ ނުކުތާއެއްގެ ތަފްސީލަށް ދިއުމަށް ރައީސް ޔާމީންގެ ވަކީލުން އެދުނެވެ. ގަޑި ހަމަވީއިރު ހުށަހެޅުނީ 10 ނުކުތާގެ ތަފްސީލެވެ. ޖުމްލަ 101 ސޮފުހާ އެ ނުކުތާގެ ތަފްސީލުގައި ހިމެނޭއިރު، ބައެއް ނުކުތާތަށް ތަކުރާރުވެފައިވާކަން ޝަރީއްޔަތުން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، އެ ނުކުތާތަށް ވީހާވެސް ތިލަކޮށް ދެން އަންނަ އަޑުއެހުމެއްގައި ހުށަހަޅައިދެއްވުމަށް ޝަރީއްޔަތުން ވަނީ އެދިވަޑައިގެންފައެވެ.

 ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވަނީ ދެން  ބާއްވާ އަޑުއެހުމެއްގައި ނުކުތާތަށް ވީހާވެސް ކުރުކޮށް ހުށަހެޅުއްވުމަށް މަސައްކަތް ކުރާއްވާނެ ކަމަށް ވިދާޅުވެފައެވެ.

ހައިކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ.

ރައީސް ޔާމީންގެ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުން -ފޮޓޯ: އަަވަސް

މިއަދުގެ އަޑުއެހުން ފެއްޓެވުމަށްފަހު، ފަނޑިޔާރު މަޒީދު ވިދާޅުވީ، ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރެވެން ނެތް ކަމަށް ކުރި ހުކުމާއި، ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ހުކުމް ރިވިއުކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތުން އެދިފައިވާ ކަމަށެވެ.

އެހެން ނަމަވެސް، ތިން ފަނޑިޔާރުން އިއްތިފާގުވީ އެ ހުށަހެޅުން ބަލައި ނުގަތުމަށެވެ. ޝަރީއްޔަތުން ވިދާޅުވީ އެ ހުކުމް މުރާއާޖާ ކުރަންޖެހޭ ސަަބަބެއް ނެތް ކަމަށެވެ. ކަފާލާތް ދިނުމަށް ރައީސް ޔާމީންގެ ފަރާތުން ގިނަ ނުކުތާތަކެއް މި މަހުގެ 06 ގައި ބޭއްވި އަޑުއެހުމުގައި ފާހަގަކުރިއިރު ކަފާލާތް ދޭން ނުޖެހޭކަމަށް ނެރުނު ހުކުމްގައި ވެސް ގިނަ ސަބަބުތަކެއް ވަނީ ބަޔާންކޮށްފައެވެ.

އެއަށްފަހު އިސްތިއުނާފީ ނުކުތާތަކައިގެން ކުރިޔަށް ދިއުމަށް ފުރުސަތު ދިނުމުން، ޝިޔާޒް އެ ނުކުތާތަށް ފާހަގަކުރެއްވިއެވެ. މި 75 ނުކުތާގެ ތެރޭގައި އެންމެ ގިނައީ ރައީސް ޔާމީންގެ ސަރުކާރުގެ ދެވަނަ ނައިބް ރައީސް އަހުމަދު އަދީބުގެ ހެކިބަސް ނުނެގޭނެ ކަމަށް ބުނާ ނުކުތާތަކެކެވެ.

މީގެ އިތުރުން ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ނެގި މީހުންގެ ހެކި ބަހަށް ރިޢާޔަތް ނުކުރެވޭނެ ކަމަށް ބައެއް ނުކުތާތަކުގައި ވެއެވެ. އޭގެ އިތުރުން، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ޝަރީއަތުގައި ދިގު ހެކިބަސް ދިން ކަމަށް ޝިޔާޒް ވިދާޅުވިއެވެ. މުއައްވިޒު ޝަރީއަތުގައި މަސައްކަތް ކުރީ ދޮގު ހެކިބަސްދީ އޮޅުވާލުމަށް ކަމަށާއި، މުއައްވިޒު ރައީސް ޔާމީނާއި ބައްދަލު ކުރިކަމަށް ބުނާއިރު އެއީ ކިހިނެއް ހިނގަދިޔަކަމެއްކަން އެނގިފައި ނެތް ކަމަށް ޝިޔާޒް ވިދާޅުވިއެވެ. އަދި އޭނާ ރައީސް ޔާމީނާއި ބައްދަލު ކުރީ ރައީސް އޮފީހުންކަމަށް ވާނަމަ އެކަމުގެ ލޮގްތައް ރައީސް އޮފީހުގައި ހުންނާނެކަން ފާހަގަކޮށް ޝިޔާޒް ވަނީ، އެކަން ބަލައިދިނުމަށް ރައީސް އޮފީހުގައި އެދިފައިވީނަމަވެސް އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި  އެއީ ކޮން އިރަކު، ކޮން ވަގުތަކު ހިނގައިދިޔަ ކަމެއްކަން ވެސް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑައިރެކްޓަރ އަބްދުﷲ ޒިޔޔާތު ވާހަކަަތައް އިސްތިއުނާފީ ގިނަ ނުކުތާތަކުގައި ހިމެނުނުއިރު ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ވަށާ ޖެހެނީ އެ ދެ މީހުންނާއި ކަމަށް ޝިޔާޒް ވިދާޅުވިއެވެ. ޝިޔާޒް ވިދާޅުވީ އަދީބާއި ޒިޔަތު އަކީ ދެ ފާސިގުން ކަމަށާއި، އިސްލާމީ ޝަރީއާއަށް ބެލިޔަސް ދެ ފާސިގުންގެ ހެކި ބަހެއް ނުނެގޭނެ ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ބޮޑު ތުހުމަތުތައް ވެސް ކުރެވެނީ އެ މީހުންނަށް ކަމަށްވާއިރު ޒިޔަތުގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައިގެ ކުށް ސާބިތުވެފައިވާކަމަށް ވެސް ޝިޔާޒް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުން

ޝިޔާޒް ވިދާޅުވީ، އަދީބާއި ޒިޔަތުގެ ހާލަތަށް ބަލާނަމަ އެ މީހުން ޝަރީއަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދިނުމުގެ މަގްސަދެއް އެބައޮތް ކަމަށެވެ. އޭގެ ތެރޭގައި އެއްބަސްވުންތަކެއް އޮވެދާނެ ކަމަށް ޝިޔާޒް ވިދާޅުވިއެވެ. އަދި އަދީބާއި ޒިޔަތުގެ ހިތުތެރޭ ރައީސް ޔާމީނާއި މެދު ރުޅިވެރިކަމާއި ނަފްރަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިޔާޒް ވިދާޅުވި ގޮތުގައި ރައީސް ޔާމީންއާއި ދެކޮޅަސް ފުލުހުން ކުރިއަސް ގެންދިޔަ ތަހުގީގުގައި ސުވާލު ކުރެވުނީ އެހެން މައްސަލައެއްކަމާއި، އަދި ކޯޓަށް ހުށަހެޅި ޝަރީއަތް ކުރިޔަށް ގެންދިޔައީ އެހެން މައްސަލައަކާއި ގުޅޭގޮތުންކަން ފާހަގަކޮށްފައެވެ. ރައީސް ޔާމީނާއި ސުވާލު ކުރިއިރު މަނީ ލޯންޑްރިންގެ ތުހުމަތު ކުރާކަމަށް ބަޔާނުގައި ނުވާކަމަށް ޝިޔާޒް ވިދާޅުވިއެވެ. އެހެން ކަމުން ތަހުގީގަށް ސުވާލު ނުކުރާ މައްސަލައެއްގައި ހުކުމެއް އައުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފުވުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމުގައި، އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ދެއްކުމަށް އަންގާފައިވާއިރު ރާއްޖޭގެ ލީގަލް ޓެންޑާރ އަކީ ދިވެހި ފައިސާގެ ގޮތުގައި ޝިޔާޒް ފާހަގަކުރިއެވެ. އެހެން ކަމުން ޖުރިމަނާގެ ފައިސާ ޑޮަލަރުން ދައްކަން ހުކުމް ކުރުމަކީ މަނިތަރީ ގާނޫނާއި އަދި ގަވައިދާއި ވެސް ހިލާފުކަމެއްގެ ގޮތުގައި ވިދާޅުވިއެވެ.

ދެން މި މައްސަލާގެ އަޑުއެހުމެއް އޮންނާނީ އަންނަ މާޗު މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ތަފްސީލުތައް އެކީ ނިންމަން  ޖެހޭނެއެވެ. އެއަށްފަހު އޭގެ ޖެހިގެން އަންނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާ، އިސްތިއުނާފީ ނުކުތާތަކަށް ވާހަކަ ދެއްކުމަށް ދައުލަތަށް ފުރުސަތު ދެވިގެން ދާނެއެވެ.

އެހެން ދުވަހެކޭވެސް އެއްގޮތަށް މިއަދުގެ ޝަރީއްޔަތުގެ މަޖިލިސް އަޑުއަހަން ރައީސް ޔާމީންގެ ގިނަ ސަޕޯޓަރުން ވަނެވެ. އޭގެ ތެރޭގައި ޕްރޮގްރެސިވް ކޯލިޝަންގެ އިސް ލީޑާޝިޕްގެ ބޭފުުޅުން ވެސް ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: