ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު ނުވަތަ ކޯރަމް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެންބަރުން ހަމަވިޔަ ނުދިނުމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފިއެވެ.
މިއަދު ހެނދުނު 9:00 އަށް ތާވަލުކުރި މި ޖަލްސާ ފެށޭގޮތް ނުވީ ޕީއެންސީގެ މެންބަރުން މަޖިލީހުގެ ތަޅުމަށް ހާޒިރުނުވުމުގެ ސަބަބުންނެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ޖަލްސާ ފެށުމަށްޓަކައި ވަރަށް ގިނަ ފަހަރު ރަނގަބީލް ޖެއްސެވި ނަމަވެސް ކޯރަމް ހަމަވެފައި ނުވާ ކަމަށެވެ.
ޖަލްސާ ފެށުމަށް މަސައްކަތް ކުރެއްވި ވަގުތު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ ރިޔާސަތުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ އެންމެ ހަ މެންބަރުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ ޕީއެންސީގެ އެއްވެސް މެންބަރަކު މިއަދުގެ ޖަލްސާއަށް ހާޒިރުވެފައެއް ނުވެއެވެ. ނަމަވެސް ޕީއެންސީގެ މެންބަރުން މަޖިލީހުގެ ސައި ކޮޓަރިކޮޅުގައި ތިއްބެވި ކަމަށް ”ސަންގު“ އަށް މައުލޫމާތު ދިން މެންބަރުން ވިދާޅުވިއެވެ.
ކޯރަމް ހަމަނުވުމާ ގުޅިގެން ޖަލްސާ ފެށޭތޯ ބެލުމަށް 10:00 އާ ހަމައަށް ވަގުތު ދެއްވުމަށްފަހު، އަލުން ޖަލްސާ ލައިވް ކުރި ނަމަވެސް މެންބަރުން ހަމަނުވުމުން ނައިބު ރައީސް ވަނީ މިއަދުގެ ޖަލްސާ ކެންސަލް ކުރެއްވިކަން އިއުލާނު ކުރައްވާފައެވެ. ނާޒިމް ވިދާޅުވީ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނު ނަމަވެސް، މާދަމާ ހެނދުނު 9:00 ގައި މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށެވެ.
އާންމު އުސޫލުން ބުރާސްފަތި ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާ ނުބޭއްވި ނަމަވެސް، މާދަމާ ޖަލްސާ ބާއްވަން ނިންމާފައިވަނީ މިއީ މި ހިނގާ ދައުރުގެ ފަހު ދުވަސް ކަމަށްވެފައި، މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ މަސައްކަތްތަކެއް ހުރުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ޖަލްސާއެއް ފެށޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ 25 އިންސައްތަ ހާޒިރުވެގެންނެވެ. މިހާރު މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ތެރެއިން ޖަލްސާގެ ކޯރަމް ހަމަވާނީ 23 މެންބަރުން ހާޒިރުވެގެންނެވެ.

