ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްކޮށް ހުންނަވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅަށް ނުކުންނަން ރަވާދުވަސް ފެންނާނެ ކަމަށް ކުރީގެ ކޮމިޝަނާރ އޮފް ކަރެކްޝަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ހުކުމެއް އިއްވާފައެވެ. އެމަނިކުފާނުގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުގައި ފެށިގެން ކުރިޔަށްދާއިރު، ސިއްހީ ހާލަތު ގޯސްވެފައިވާ ކަމުގެ ވާހަކަތަކެއް ވަނީ ދެކެވެން ފަށާފައެވެ. ރައީސް ޔާމީން އަމިއްލަފުޅަށް ވެސް ވަނީ ބަލިހާލަތާއި ގުޅޭގޮތުން މި މަހުގެ ކުރީކޮޅު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވާފައެވެ.
ރައީސް ޔާމީން މިދިޔަ ބުދަ ދުވަހުން ފެށިގެން، ހޮނިހިރު ދުވަހާއި ހަމައަށް އައިޖީއެމްއެޗްގެ ކާޑިކް ސެންޓަރުގައި ފަރުވާ ދިނެވެ. އަދި ޓެސްޓުތަކެއް ހެދުމަށްފަހު މާފުށީ ޖަލަށް ބަދަލުކުރިތާ 24 ގަޑިއިރުވެސް ނުވަނީސް އެމަނިކުފާނުގެ އިސްތިއުނާފީ އަޑުއެހުމެއް ހޯމަ ދުވަހަށް ތާވަލުކޮށް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އޭގެ ކުރިން، ހޯމް މިނިސްޓަރު އިމްރާން ވަނީ ރައީސް ޔާމީނާއި މާފުށި ޖަލުގައި ބައްދަލު ކުރައްވާފައެވެ. އަދި އެ ބައްދަލުވުމަކީ ރައީސް ޔާމީނާއި މެދު ޖަލުގައި އަމަލު ކުރެވޭގޮތް ބަލައި ސިއްހީ ހާލަތު ސާފު ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
އިމްރާން ރައީސް ޔާމީނާއި ބައްދަލު ކުރައްވާފައިވާކަމުގެ ހަބަރުގެ ސްކްރީންޝޮޓެއް ޓްވީޓުކޮށް މުނާޒު ވިދާޅުވީ އިމްރާން މާފުށީ ޖަލަށް ޒިޔާރަތް ކުރުމުގައި ފޮރުވިފައިވާ ސިއްރުތަކެއް އެކުލެވޭ ކަމަށެވެ. އަދި އެމްޑީޕީން މިކަމަށް ފާރަވެރިވެ ހޭލަންވެއްޖެ ކަމަށް މުނާޒް ވިދާޅުވިއެވެ.
މުނާޒް ވިދާޅުވީ މިހެން ތިއްބައި ދެން ފެނިގެންދާނީ އަދީބުގެ ”ބޮލަށް“ ހުރިހާ ކަމެއް ޖެހުމަށްފަހު ގައުމާއި ދީނަށްޓަކައިގެ ނަމުގައި މަސައްކަތް ކުރަމުންދާތަން ކަމަށެވެ.
https://twitter.com/a_munaaz/status/1231985524220551169
މާފުށީ ޖަލުގައި ދޭތެރެ ދޭތެރެއިން ހިނގައިދާ ހަމަނުޖެހުންތަކަށްފަހު، އެތެރޭގެ ވީޑިއޯއެއް ލީކުވުމާއި އެކު މައްސަލަ ވަރަށް ބޮޑުވެގެން ދިޔައެވެ. ނޫސްވެރިންނަށް މައުލޫމާތު ނުދެވުމާއި، އަދި މުނާޒްއާއި މެދު ހުރި ޝަކުވާތަކުގެ ސަބަބުން ރައީސް އޭނާ މަގާމުން ވަކި ކުރެއްވިއެވެ. އެއަށްފަހު މުނާޒް ގެންދަވަނީ ފާޅުކަން ބޮޑުގޮތެއްގައި އިމްރާންއަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު މަގުމަތީ ހަރަކާތްތަކުން ވައްޓާލިއިރު އޭރު ގެންދިޔަ ސިޔާސީ ހަރަކާތްތަކުގެ ކުރީގައި ވެސް އިމްރާން ހުންނެވިއެވެ. އެއަށްފަހު ރައީސް ޔާމީންގެ ސަރުކާރުގައި ހުންނެވުމަށްފަހު އެމަނިކުފާނާއި ދެކޮޅަށް ނިކުންނެވީ މޭޑޭ މުޒާހަރާއިންނެވެ. އެ މުޒާހަރާއާ ގުޅިގެން އިމްރާން ހައްޔަރުކޮށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.
އިމްރާނަކީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ލީޑަރެވެ.
މި ދުވަސްވަރަކީ ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑު އަދި އެމްޑީޕީއިން ވަކިވާން އުޅޭ ކަމުގެ އަޑުތައް ގަދަ ދުވަސްވަރެކެވެ.

