ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ފާޑު ވިދާޅުވެ ދެއްކެވި ވާހަކައަކާ ގުޅިގެން، އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންގެ މަދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
ބޮންޑޭ ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައިވަނީ ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ ސަނީފު ހުށަހެޅުއްވި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލަށެވެ. އެގޮތުން ސަރުކާރުން މަޖިލީހަށް ބިލުތައް ފޮނުވުމުގައި އެމްޑީޕީގެ ސިޔާސަތަށާއި ރައްޔިތުންގެ ބޭނުންތަކަށް ރިއާޔަތް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ފޮނުވި ޔުޓިލިޓީ ބިލުގައި ބާރުތައް މާލެ އަށް ޖަމާކުރުމުގެ ނިޔަތް އޮތް ކަމަށާއި އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސިޔާސަތަކީ ކައުންސިލްތަކަށް ބާރު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ކުނީގެ މައްސަލަތައް ރެގިއުލޭޓް ކުރަން ޖެހޭނީ އެ ރަށެއްގެ ކައުންސިލުން ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުން ކުރަން އުޅޭ ކަމެއްގެ ނިޔަތް ސާފުވާންޖެހޭ ކަމަށެވެ.
ސަރުކާރުން ފޮނުވާފައިވާ ބިލުގައި ކުރަން އުޅޭ ކަމަކީ، ރާއްޖޭގައި ދޭ ފެނާއި ނަރުދަމާގެ ހިދުމަތް އަނެއްކާ ވެސް އިތުރަށް ކޮންޓްރޯލް ކުރުން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވި ގޮތުގައި ސަރުކާރަށް ނިސްބަތްވާ ގިނަ މެންބަރުންނަކީ މިނިސްޓަރުންގެ ފައިބުޑަށް ވެއްޓިފައި ތިއްބަވާ މެމްބަރުންނެވެ. އަދި ސަރުކާރަށް އަންނަ ފާޑުކިއުންތައް އެ މެންބަރުންނަށް ހަޖަމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”ސާފުވާން ޖެހޭ އަޅުގަނޑުމެންގެ ނިޔަތް. ސަރުކާރުން ބިލުތައް ފޮނުވާ އިރު އެޖެންޑާ 19 ނުވަތަ އެމްޑީޕީގެ ސިޔާސަތެއް އެބަ އޮތް ކަނޑައެޅިފައި. އަދި ސަރުކާރުގެ ވުޒާރާތަކުގައި ތިއްބަވާ ބޭފުޅުންނަށް ވެސް އިނގެން ޖެހޭނެ ރައްޔިތުން ވޯޓް ދިނީ ސިޔާސަތަކަށް ކަން. ރައްޔިތުން ވޯޓު ދިނީ މީހަކަށް ނޫންކަން އެބޭފުޅުން މުޅިން އުޅޭނީ ރައީސުލްޖުމްހޫރިއްޔާ ވެގެން، ވަޒީރަކުވެގެން، ވައި އަޅުވަން، އިއްޒަތްތެރި ރައީސް، އެއީ އަޅުގަނޑުގެ ތޮބީއަތުގައި ހުންނަ ކަމެއް ނޫން،“ ބޮންޑެ ވިދާޅުވި އެވެ.
ބޮންޑޭގެ ވާހަކަތަކާއި ގުޅިގެން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ނިޒާމާ ބެހޭ މައްސަލައެއް ނަންގަވައިގެން ވިދާޅުވީ ބޮންޑޭ ވާހަކަ ދައްކަވަނީ ބިލުގައި އޮތް ވާހަކަތަކާ މުޅިން ހިލާފަށް ކަމަށެވެ.
ޣަފޫރުގެ ފަހުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ވިދާޅުވީ ބޮންޑޭ ވާހަކަ ދައްކަވަނީ އޮޅުވާލައްވައިގެން ކަމަށާއި އެކަން ރިޔާސަތުން ހުއްޓުވައިދޭން ޖެހޭ ކަމަށެވެ.
ބޮންޑޭގެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ތަޅުމުގައި އެއް މެންބަރަކު އަނެއް މެންބަރަކަށް ބަހުގެ ޙަމާތައްވެސް ދެއްވިއެވެ. އަދި ބޮންޑޭގެ ވާހަކަތަކާއި އެއްކޮޅު އަދި ދެކޮޅު މެމްބަރުންގެ އަޑު މަޖިލީހުގެ މާލަން ތެރޭގައި ގަދަވެގެ ދިޔައެވެ.
މި ބަލަށް ބަހުސް ކުރެއްވި އެހެން ބޭފުޅުންވެސް ބޮންޑެ ވާހަކައަށް ތާއީދު ކުރެއްވިއެވެ. އަދި މަޖިލީހުގެ ތަޅުމުގައި އަޑު ގަދަވެގެންދިޔަ ވަގުތު “ ގޯސް ކުރަން އުޅެންޏާ ގޯސްކުރަމާ ހިނގާށޭ“ ވިދާޅުވެ ބައެއް މެންބަރުން ވާހަކަ ދެއްކެވި އަޑުތައް އިވިގެން ދިޔައެވެ.

