ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެ މަގާމުގައި ހުންނަވަން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ އިތުބާރު ނެތް ކަމަށް ނިންމައި، އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ފަލާހު ވިދާޅުވީ، ނާޒިމްގެ މައްޗަށް ޕާޓީގެ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށާއި، އޭނާ މަގާމުން ވަކިކުރުމަށް ބޭނުންވާ ސޮއި މިހާރު ހަމަކޮށްފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އެ މައްސަލަ ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ބޭފުޅަކު ވަކިކުރުމަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް މިފަދަ ނިންމުންތައް ނިންމާފައިވާ ކަމަށެވެ.
”ނާޒިމް ޕާޓީގެ މެންބަރުކަމުން ވަކިކުރުމުގެ ވިސްނުމެއް މިވަގުތު ނެތް. ނަމަވެސް މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ފަދަ އިތުބާރެއް އޭނާގެ މައްޗަކަށް މިހާރަކު ނެތް،“ ފަލާހު ވިދާޅުވިއެވެ.
މި މައްސަލައިގެ ތެރެއިން މިއަދުގެ ވަގުތެއްގައި ނާޒިމް ވަނީ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕުން ވެސް ވަކިކޮށްފައެވެ. މިކަމާ ގުޅޭގޮތުން ނައިބު ރައީސް ނާޒިމްގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ރިޔާސަތުގެ ދަށުން ހިނގަމުންދާ 20 ވަނަ މަޖިލީހުގައި، މަގާމަކުން ބޭފުޅަކު ވަކިކުރަން ހުށަހެޅޭ ފުރަތަމަ ފަހަރެވެ.

