ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙައްޖު ކޯޓާ: ޕްރޮޕޯސަލް ބަލައިގަތުމުގައި މިނިސްޓްރީގެ އިސްވެރިއެއްގެ ނުފޫޒު!

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯޒަލްތައް ބަލައިގަތުމުގައި އިސްލާމިކް މިނިސްޓްރީގެ ވެރިއަކު ނުފޫޒް ފޯރުވާކަމުގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ސަންގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޖަށް މީހުން ގެންދަން ބޭނުން ފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް ބަލައި ގަތުމުގައި ނުފޫޒް ފޯރުވަނީ، ބިޑަށް ކުރިމަތިލާފައިވާ ޖަމާއަތަކާއި ގުޅުން އޮންނަ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.

ސަންގަށް ލިބިފައިވާ ބައެއް ލިޔެކިޔުންތާކާއި މައުލޫމާތުން އެނގޭ ގޮތުގައި، ޙައްޖު ގުރޫޕެއްގެ މަސްލަހަތު ހިމެނޭ ސްޓޭޓް މިނިސްޓަރުގެ ނުފޫޒުން މިފަހަރު އެންމެ ކުޑަ އަގުގައި ހައްޖަށް މީހުން ގެންދިޔުމަށް ޕްރޮޕޯޒަލް ހުށަހެޅި ޖަމާއަތްވަނީ ކެންސަލްކޮށްފައެވެ.

އެގޮތުން އެންމެ ކުޑަ އަގު ހުށަހެޅި ޖަމާއަތުގެ ޕްރޮޕޯސަލް އިސްލާމިކް މިނިސްޓްރީން ކެންސަލް ކުރީ، ޕްރޮޕޯސަލް ހުށަހެޅި އެހެން ޖަމާއަތަކުން މައްސަލަ ޖައްސައިގެންނެވެ. އެޖަމާއަތުން މައްސަލަ ޖެއްސީ އެންމެ ކުޑަ އަގު ހުށަހެޅި ޖަމާއަތުގެ ޕްރޮޕޯސަލްގައި، ޙައްޖަށް މީހުން ގެންދެވިދާނެ ދެ ޕެކޭޖެއްގެ އަގު އޮތުމުންނެވެ. މައްސަލަ ޖެއްސި ޖަމާއަތާއި ސްޓޭޓް މިނިސްޓަރާއި ގުޅުން އޮންނަ ކަމަށް އިސްލާމިކް މިނިސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅަކުވެސް ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވެ ދެއްވިއެވެ.

އިސްލާމިކް މިނިސްޓްރީގެ އިސްމަޤާމެއްގައި ހުންނެވި ބޭފުޅަކާއި ވަރަށް ގާތް ގުޅުމެއް އޮންނަ ޖަމާއަތަކުން އެ މަސައްލަ ޖައްސައިގެން، ވަކި ޖަމާއަތެއްގެ ޕްރޮޕޯސަލް ބާތިލުކުރިއިރު، މީގެ ކުރިންވެސް ބައެއް އެހެން ޖަމާއަތްތަކުން ޕްރޮޕޯސަލް ހުށަހަޅާ އިރު ދެ ޕެކޭޖެއްގެ އަގު ހިމަނައިގެން، މިނިސްޓްރީން ޕްރޮޕޯސަލް ބަލައިގަނެ ބިޑްވެސް ކާމިޔާބުވެފައި އެބަހުއްޓެވެ.

އެގޮތުން މިފަހަރު އެންމެ ކުޑަ އަގު ހުށަހެޅި ޖަމާއަތުން 2016 ވަނަ އަހަރުވެސް އެގޮތަށް ދެ ޕެކޭޖެއް ހުށަހެޅުމުން އިސްލާމިކް މިނިސްޓްރީން ޕްރޮޕޯސަލް ބަލައިގަނެ ބިޑު ކާމިޔާބުކޮށްފައިވެއެވެ. މީގެ އިތުރުން 2017 އާއި 2018 ވަނަ އަހަރާއި، 2019 ވަނަ އަހަރުވެސް ބައެއް ޖަމާއަތްތަކުން ވަނީ އެގޮތަށް ދެ ޕެކޭޖެއް ހިމަނައިގެން ބިޑް ކާމިޔާބުކޮށް މީހުން ޙައްޖަށް ގެންގޮސްފައެވެ.

ޕްރޮޕޯޒަލްގައި ދެ އަގެއް ހިމެނައިގެން އެ ޕްރޮޕޯޒަލް ބާތިލު ނުކޮށް، އެއް އަގު ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ދީފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވަކި ޖަމާއަތަކުން ބުނެގެން އެންމެ އަގުހެޔޮކޮށް ބިޑު ހުށަހެޅި ޖަމާއަތުގެ ޕްރޮޕޯސަލް ބާތިލު ކުރިއިރު، މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައި އެއްވެސް ޖަމާއަތަކަށް ޕްރޮޕޯސަލްގައި ދެ އަގު ނުހިމެނޭނެ ކަމަށް ބުނާ މާއްދާއެއް ނެތެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގެ 7 ވަނަ މާއްދާގެ (ށ) ގައި ބުނަނީ ކޮންމެ ކުންފުންޏަކަށް ވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލް ކަމަށާއި، އެއަށްވުރެ އިތުރަށް ޕްރޮޕޯޒަލް ހުށަހަޅައިފި ނަމަ، އެ ކުންފުންޏަކުން ހުށަހެޅި ހުރިހާ ޕްރޮޕޯޒަލްތަކެއް ބާތިލުވާނެ ކަމަށެވެ. ނަމަވެސް އެއް ޕްރޮޕޯސަލެއްގައި ދެ އަގެއް ހުށަނޭޅެ ކަމަށް ބުނާ އެއްވެސް މާއްދާއެއް ނެތެވެ.

ވަކި ޖަމާއަތަކުން މައްސަލަ ޖައްސައިގެން އެންމެ ހެޔޮ އަގު ހުށަހެޅި ގުރޫޕުގެ ޕްރޮޕޯސަލް ކެންސަލުކުރީ އެ ޖަމާއަތަށްވެސް އެންގުމަކާއި ނުލައިއެވެ.

ކެންސަލްކުރުމުގެ ކުރިން އެ ޖަމާއަތުން ދެ ޕްރޮޕޯޒަލް ހުށަހަޅާފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީންވެސް ބުނެފައިވެއެވެ. އަދި އެ ގުރޫޕުން ހުށަހެޅި ޕްރޮޕޯޒަލެއްގައި ދެ އަގެއް ހުށަހަޅާފައި ވާތީ، އެތަނުން ކޮންމެވެސް އެއް އަގެއް ހިޔާރު ކުރުމުގެ ފުރުސަތު ދިނުމަށްފަހު އެއަގު ހުށަހެޅުމުން އެ ބިޑު ބަލައިގަނެ ސޮއިކޮށްފައިވެސް ވެއެވެ. އަދި ހުރިހާ ލިޔެ ކިޔުމެއްވެސް ފުރިހަމަ ކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓްރީގެ އިސްފަރާތަކާއި ގުޅުން އޮންނަ ޖަމާއަތެއްގެ ޝަކުވާއާ ހެދި އެންމެ އަގުހެޔޮކޮށް ޕްރޮޕޯސަލް ހުށަހެޅި ގްރޫޕްގެ ބިޑް ކެންސަލް ކުރިކަން އެޖަމާއަތަށްވެސް އެގުނީ އެހެން ބަޔެއްގެ ފަރާތުންނެވެ. އެއީ ބިޑް ބަލައިގަތް ފޯމުގައި އޮތް އެ ގްރޫޕްގެ ނަން ކަނޑާލާފައިވުންނެވެ.

ބައެއް ޖަމާއަތްތަކުގެ ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި، މިނިސްޓްރީގެ އިސްވެރިއަކާއި ގުޅުން އޮންނަ ޖަމާއަތުން ބިޑްގައި ހިމަނާ މައުލޫމާތު އޮޅުވާލައިގެން ބިޑު ކާމިޔާބު ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ޙަރަމްފުޅާއި 300 މީޓަރު ކައިރިން ޙައްޖާޖީން ބައިތިއްބާނެ ތަންތަން ހަމަޖައްސާފައިވާ ކަމަށް ޕްރޯސަލްގައި ހިމެނި ނަމަވެސް ހައްޖާޖީން ބައިތިއްބަނީ މާދުގައި ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި ބަޔެއް ފަރާތްތަކުން ވަނީ އެ ވީޑިއޯތައް ސަންގާ ހިއްސާކޮށްފައެވެ.

ވަކި ބޭފުޅެއްގެ ނުފޫޒުން ހައްޖު ބިޑުތައް ކެންސަލް ކުރާކަމުގެ ވާހަކަތައް ފެންމަތިވެފައިވާ އިރު، ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ކަނޑައެޅުމާއި ކޯޓާ ދިނުމުގައި އަމަލު ކުރަމުން ދަނީ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކަމަށްވުމުން މައްސަލަ ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅައިފައިވެއެވެ.

މި މަހުގެ 18 ވަނަ ދުވަހަކު އަމިއްލަ ފަރާތަކުން އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށައެޅި މައްސަލާގައި މިއަހަރު ކުންފުނިތައް ހޮވުމުގައި އަމަލު ކުރަން ނިންމާފައިވާ އުސޫލުތަކާމެދު ކަންބޮޑުވުން ފާޅު ކޮށްފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން އަލަށް އެކުލަވާލާފައިވާ އުސޫލުގައި ވާ ގޮތުން މިއަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިޔުމުގައި އެކި ޖަމާއަތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގައި، އިސްކަންދޭނެ ތަޖުރިބާއަށް ވުރެ ބޮޑަށް ޚިދުމަތަށެވެ.

އެގޮތުން ބައެއް ބައިތައް ބަދަލުކޮށް ނެރުނު އުސޫލުގައި ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވަނީ، ޙައްޖަށް މީހުން ގެންދިޔުމުގައި އެ ކުންފުންޏަކުން ހުށަހަޅާ އަގަށް 10 ޕަސެންޓް، ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތާއި، ޚިދުމަތުގެ ފެންވަރަށް 85 ޕަސެންޓް، އަދި އެ ކުންފުންޏެއްގެ ތަޖުރިބާއަށް 5 ޕަސެންޓެވެ.

މި ފަހަރުގެ މައްސަލަ  ފެންމަތިވި އިރު، މި ފަހަރުވެސް ނުފޫޒް ފޯރުވަން މަސައްކަތް ކުރައްވާ އިސްލާމިކް މިނިސްޓްރީގެ އިސް ފަރާތަކުން އެފަދަ ކަމެއް 2019 ވަނަ އަހަރު ކުރައްވަން އުޅުނު ކަމަށް އޭސީސީން ބަލާފައި މައްސަލައަކުން އެގެއެވެ.

މިދިޔަ އަހަރު ހައްޖު ކޯޓާ ދިނުމުގައި ވަކި ބަޔަކަށް ނާޖާއިޒް މަންފާ ލިބޭނެ ގޮތަށް ބިޑު އިވިލުއޭޓް ކޮށްފައިވާކަން އޭސީސީ ރިޕޯޓުގައިވެއެވެ. އެގޮތުން އެންމެ ގިނައިން ޕޮއިންޓް ލިބުނު ފަސް ޖަމާއަތުގެ ތެރޭގައި ނުހިނޭ ޖަމާއަތެއް ހިމަނަފައިވާކަން އޭސީސީ ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ހައްޖަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރާ ދެ ޖަމާއަތަކާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކާއި ގުޅުން އޮވެއެވެ. އެ ދެ ޖަމާއަތަށްވެސް އެންމެ މަތިން ޕޮއިންޓް ލިބި މީހުން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދީފައިވާކަން އޭސީސީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެތަނުން އެއް ޖަމާއަތުގެ ޕްރޮޕޯސަލަކީ އިވެލުއޭޝަންގައި ނުހިމަނައި ބާތިލް ކުރަންޖެހޭ އެއްޗަކަށްވާއިރު އެކަން ނުކޮށް އިވެލުއޭޓް ކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލަ ހައްލުކުރުމަށް، އޭސީސީން ލަފާ ދީފައި ވަނީ ހައްޖުގެ ކަންކަން އިންތިޒާމްކުރާ ކުންފުނިތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނަށް މަސައްކަތް ނުކުރެވޭ ގޮތަށް ގަވާއިދުތަކާއި އުސޫލްތައް ހަރުދަނާ ކުރުމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: