ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑަކީ ބާޒެއް، އެމްޑީޕީ ބަލިކުރެވޭނީ ޕީޕީއެމް އާއި އަޅުގަނޑު ހަވާލު ވެގެން: އުމަރު

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިކުރެވޭނީ ޕީޕީއެމްގެ ލީޑަރޝިޕަށް އޭނާ އަތުވެގެން ކަމަށާއި ބާޒެއްގެ ގޮތުގައި ޕީޕީއެމްއާ ޙަވާލުވާން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ޚަބަރަށް ފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕާއި ޙަވާލުވުމަށް ބާޒުތައް އަންނާނެ ކަމަށާއި އެގޮތުން އޭނާއަކީ ވެސް ބާޒެއް ކަމަށެވެ.

އުމަރު އެ އިޝާރާތް ކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލައިފި ނަމަ އިދިކޮޅު ކޯލިޝަނަށް ސަވާރުވާން އަންނަ ”މިނިކާ ބާޒުތަކަށް“ ފުރުސަތު ނުދެއްވުމަށް އެ މަނިކުފާނު ވިދާޅުވި ވާހަކަފުޅަށް ކަމަށްބެލެވެއެވެ.

އުމަރު ވިދާޅުވީ 2023 އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިކުރުމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށް އެދޭނަމަ، ހުޝިޔާރުކަމާއި ޖެހިލުން ކުޑަ، ރޭވުންތެރި ލީޑަރޝިޕެއް ޕީޕީއެމްގައި އޮންނަންޖެހޭ ކަމަށެވެ. އަދި އެފަދަ ލީޑަރޝިޕަކަށް ނޫނީ އެމްޑީޕީ ބަލި ނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި އެމްޑީޕީ ބަލިކުރުމަކީ ހަމައެކަނި އެޕާޓީ ބަލިކޮށް ނޫނެވެ. އެއީ އެމްޑީޕީއާ އިންޑިއާ އާއި އެމެރިކާގެ އިތުރުން ޔޫރަޕިއަން ވެސް ބަލި ކުރުން ކަމަށެވެ. އެކަމަށް ބޭނުންވަނީ ރޭވުންތެރި ލީޑަރ ޝިޕެއް ކަމަށާއި އަދި އެ ލީޑަރަކީ އޭނާ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ޕީޕީއެމާއި ޙަވާލުވާ ވާހަކަ ދެއްކެވިނަމަވެސް އޭނާ އަކީ އެއްވެސް އިރެއްގައި ރައީސް ޔާމީނަށް ތާއީދު ކުރާ މީހެއް ނޫން ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ކުރައްވާފައި ހުރި ރަނގަޅު ކަންކަމަށް ތާއީދު ކުރައްވާ ކަމަށާއި ވަރަށް ގިނަ ރަނގަޅު ކަންކަން އެމަނިކުފާނު ކުރައްވާފައި އެބަހުރި ކަމަށް އުމަރު ވިދާޅުވިއެވެ.

ރައީސް ޔާމީން ކުރައްވާފައިވާ ގޯސް ކަންކަމަށްވެސް ފާޑު ކިޔާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި މިހާރު އެޕާޓީގައި ތިއްބެވި ބޭފުޅުންހެން ރައީސް ޔާމީނަށް ސަނާ ކިޔަމުން ނުދާނެ ކަމަށާއި އެކަހަލަ މީހަކު އެޕާޓީގެ ލީޑަރޝިޕަށް ގެންނަން ބޭނުންނަމަ އެމީހަކީ އޭނާ ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.

”އެބޭފުޅުން ހޯއްދަވަނީ އެމްޑީޕީ ބަލިކުރޭނެ ފަދަ ޝަޚުސިއްޔަތަކަށް ވަންޏާ އެއީ ފަހަރުގައި އަޅުގަނޑަށް ވެދާނެ، ޕީޕީއެމްގެ ގްރާސް ރޫޓުގައި މިހާރުވެސް ރައީސް ޔާމީން ނަގާފައި ދެން އެންމެ ތާޢީދު އޮތް މީހަކަށް ހުންނާނީ އަޅުގަނޑު، އެމްޑީޕީ ބަލިކުރަން ބޭނުންވާނެ ބޮޑު އޮޑިއެއް އެ އޮޑިއަކީ ޕީޕީއެމް،  ދެހާސް އަށެއްގައި އަޅުގަނޑު ވާދަކުރުން އެއީ މާކުރީގެ ވާހަކައެއް، އެދުވަހާއި މިއަދާއި ހާސްބައި ތަފާތުވާނެ އެމްޑީޕީ ބަލިކުރެވޭނެކަން ދެހާސް ބާރައިގެ ހަތެއް ފެބުރުއަރީގައި ވާނީ ސާބިތުކޮށްދީފައި“ އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ އެމްޑީޕީ ބަލިކުރެވޭނެ ވަރުގެ ޤާބިލު މީހަކު މިވަގުތު ޕީޕީއެމްގައި ނެތް ކަމަށެވެ. އަދި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނަމަ ޖެހޭނީ ހަމައެކަނި ދެވަނަ ބުރަށް ދާން ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދިޔުމާއިއެކު މިހާރު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ސިޔާސީ ލީޑަރުން އޭނާގެ ފަހަތަށް ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން އޭނާ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ނަމަ، ޤާސިމް އިބްރާހިމާއި، ރައީސް މައުމޫނުގެ އިތުރުން ޝޭޚް އިމްރާން މެންފަދަ ބޭފުޅުން ގުޅިވަޑައިގަންނަވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގެ މިއަދުގެ ޙަގީގަތަކީ އެމްޑީޕީގެ ވެރިކަމުގައި އެޕާޓީއަށް އެއްވެސް ކަމެއް ނުކުރެވުން ކަމަށެވެ. ނަމަވެސް ބަދަލު ދިނުމާއި އެނޫން ނަންނަމުގައި ވައްކަން ކުރަމުންދާ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދައިގެން ރިޔާސީ އިންތިޚާބަށް ނުކުތުމަށް ވަރަށް ގިނަ މީހުން އެދެމުންދާ ކަމަށާއި އެކަމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: