ސީޝެލްސްގެ ފޮރިން އެފެއާޒް އެންޑް ޑަޔަސްޕޯރާ މިނިސްޓަރު، ބެރީ ފޯ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިނިސްޓަރު ބެރީ ފޯއަށް މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ، ފާތިމަތު އިނާޔާގެ އިތުރުން މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ. މިއީ ސީޝެލްސްގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކޮށްލެވެއެވެ.
މި ދަތުރުފުޅަކީ ކިތައް ދުވަހުގެ ދަތުރުފުޅެއްކަން ފޮރިން މިނިސްޓްރީން ހާމަކޮށްފައި ނުވި ނަމަވެސް، މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެގޮތުން، ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާއެކު ބާއްވާ ބައްދަލުވުންތަކުގައި، ދެ ގައުމުން ޝައުގުވެރިވާ ކަންކަމުގައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ލެވެލްގައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވެސް ވާހަކަ ދެކެވޭނެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، މި ދަތުރުފުޅަކީ ރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ގާތް އަދި ރަހުމަތްތެރި ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށެވެ. ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) ގެ ހައިސިއްޔަތުން، ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ގައުމުން ދޭ އިސްކަން މި ދަތުރުފުޅުން ހާމަވެގެންދާ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

