ގަރަހިތައަކީ ސިފަ ހޯނާ ވައްތަރު ހަލުއިކޮށް ދުވާ ސޫތްޕެކެވެ. މިއީ ގަދަ ކުލަތަކެއް އަރުވާ އެއްޗެކެވެ. އަދި ގަދަ އޮފެއް ހުންނަ އެއްޗެއްވެސް މެއެވެ. އެންމެ ގިނަ ބަޔަކަށް މި ސޫފި އެނގެނީ ވަރަށް ހަދާން ބަލި އެއްޗެއް ގޮތުގައެވެ. ނުވަތަ ހަނދާން ނެތޭ އެއްޗެއްގެ ގޮތުގައެވެ. އެގޮތުން އެ ސޫތްޕާ ގުޅުވާ މިސާލު ބަސްތަކާއި މަޖާޒީ ބަސްތައް ހެދިފައި ހުރެއެވެ. މިތަނުގައި ދައްކަން މިއުޅެނީ މި ސޫތްޕާ ބެހޭ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ އެ މިސާލު ޖަހާ ގޮތަށް ދިވެހިންނަކީވެސް ގަރަހިތަ ތަކެއްފަދަ ހަދާން ބަލި ބަޔެއްކަމުގެ ވާހަކައެވެ.
ބައެއް ކަންކަން ކުރުމަށް ނުވަތަ ހޭހަންކޮށްލަން ހިތަށް އަރުވާލާ ސިކުންތުގައި ހަނދާން ނެތެނީއެވެ. ގަރަހިތަ ތަކެއް ފަދައިން ދުވަހަކުވެސް އެކުރަން އުޅޭ ނުވަތަ އެ ދައްކަން އުޅޭ ވާހަކަ ދެދުވަހު ނުދެއްކި ހަދާން ނެތެނީއެވެ. ކޮންމެ ކަމެއްގައިވެސް ފުރަތަމަކޮޅު ވަރަށް ވަރު އަރުވާލައެވެ. ފަށައިގަންނަނީ ވަރަށް ވާކޮށެވެ. އެކަމަކު ދެ ތިން ދުވަސްނުވެ އެކަމެއްގެ މަތިން ހަނދާންނެތެއެވެ.
ކޮންމެ އަކަސް ”އަހަރެންގެ ޚިޔާލު“ ގޮސް ހުއްޓޭ ބައެއް ކަންކަމަށް ނަޒަރު ހިންގާލާނަމަމެވެ. ފަހަރުގައި ގަރަހިތައަކަށް ހަނދާންކޮށްލަ ދިނުމުން އަނެއްކާވެސް އެކަމަކާއިގެން އުޅެފާނެ ކަމަށް ހީވާތީއެވެ. ފަހަރުގައި އެކަންކަމަކީ ހަނދާނުގައި ހުއްޓަސް ސަރުކާރުގެ މޮޅު އުކުޅެއްގެ ސަބަބުން ”ފޯކަސް“ އަނބުރާލާފައިވާ ނުވަތަ ”ޑައިވަރޓް“ ކޮށްލާފައިވާ ކަންކަމަށްވެސް ވެދާނެއެވެ. ނޫނީ ސަރުކާރު ހުށިޔާރީއެވެ.
އިންތިހާއަށް ގިނަ ވައުދާއި އަހުދާއި އެކު މިސަރުކާރު ވެރިކަމަށް އައިތާ އަހަރަކާއި ތިންމަސް ވީއެވެ. ހަގީގަތުގައި ސަރުކާރަށް އަނެއްހެއް އެއްވެސް ޕްރެޝަރެއް ނެތެވެ. ސަރުކާރުގެ ހަމައެކަނި މައްސަލައަކީ އިގްތިސާދީ ދުވެލި މަޑުޖެހިފައި ވުމެވެ. އިގްތިސާދު ކުރިއެރުވުމަށް ކުރެވޭ މަސައްކަތެއް ނުފެނުމެވެ. އޭގެ ފަހަތުގައި ވެސް ސަބަބުތަކެއް އޮންނާނެއެވެ. އެހެން ޕާޓީތަކާއި އިއްތިހާދު ވެގެން ކުރަމުން މިއަންނަ ވެރިކަމުގައި، ޕާޓީތަކުގެ މެދުގައި ޚިލާފުތައް ހުއްޓަސް އެއްބައިވަންތަކަމާއެކު ވެރިކަން ކުރުމުގެ މަގު ސަރުކާރަށް ވަނީ އިންތިހާއަށް ފަހިވެގެންގޮސްފައެވެ.
ދެން އޮތީ ހަދަން އާކޮށްލަންޖެހޭ ކަންކަމެވެ. ރައްޔިތުންގެ ގިނަ ބަޔަކު މި ސަރުކާރަށް ތާޢީދުކުރިއެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވީތީއެވެ. އެކަމަކު ރާއްޖޭގެ އުތުރާއި ދެކުނުން ފެށިގެން، ހުޅަނގާއި އިރުމަތީ ބިތަށް ދާންދެން ބެލިޔަސް މިހާރު ފެންނަމުން ދަނީ ޚިޔާނާތާއި ވައްކަމުން ފޯވެފައިވާކަމުގެ ތުހުމަތު ކުރެވޭ މީހުންނެވެ. ބަދަލުވެފައި ވަނީ އެމީހުން ލާ އަންނައުނާ، ސިޔާސީ ފިކުރުގެ ކުލައެވެ. އެއީ ކުލަބަދަލު ކުރަން ދަންނަ ގަރަހިތަތަކެކެވެ. އެކަން ހަނދުމަނެތީ ގަރަހިތައިގެ ވިސްނުން ހުރި ދިވެހިންނެވެ.
ސިޔާސީ ކަންކަމުން ކުޑަކޮށް ދުރުވެލާއި ޚަބަރު ދަބަރު ބަލައިލާންޖެހޭ އެހެން ކަންކަމަށްވެސް ނަޒަރު ހިންގާލުން ބުއްދިވެރިއެވެ. ދިވެހިންގެ ވިސްނުމާއި ހަނދާންތައް ގޮސް ހުއްޓޭ ހިސާބު ދެނެގަނެވޭތޯއެވެ. ވެރިކަމުގެ އެންމެ ކުރީކޮޅު ފެންމަތިވެގެން އައި އެއް ކަމަކީ ފުލުހުންތަކެއް ”ހެސްކިޔާފައި“ މީހެއްގެ ގައިގައި ތަޅާލާ ވީޑިއޯއެއް އާންމުވުމެވެ. ދެތިން ދުވަހެއް ވަންދެން ”އެމީހުންނެއް ކަމަކު އެހެންނެއް ނުހެދޭނެ“ އޭ އަޑަށް ބާރުލާފައި ގޮވަމުން ދިޔައެވެ. ރައްޔިތުންގެ ނުރުހުމުގެ ބަސްތައް ހަ ފަރާތުން އޮހެމުން ދިޔައެވެ. މިއަދަކު އެވާހަކަތަކެއް ނީވެއެވެ. ހަނދާނުން ކައްސާލީއެވެ. އިންސާފު ކޮޅެއްގައި ނުޖެހެނީހެވެ.
ގަރަހިތައިގެ ގޮތުގައި މާނަ ކުރިޔަސް ހަނދާން ނެތުމަކީ އިންސާނީ ތަބީއަތުގައިވާ ސިފައެއްކަން ފަހުމްވެއެވެ. ދިވެހިރާއްޖެ އަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ކުޑަ ގައުމަކަށް ވިޔަސް، މިތަނުގައި ހިނގާ ހިތާވެރި ހާދިސާތަކާއި މުޖުތަމައުގައި ހިންގާ ނޭއްގާނީ އަމަލުތަކުގެ ވާހަކަތަކަށް ނިމުމެއް ނެތެވެ. ނަމަވެސް މިބުނާ ގަރަހިތަ ހަނދާނުގެ އުސޫލުން އެކަންކަން ފިލާދެއެވެ.
މި ބުނާ ވާހަކައިގެ މާނައަކީ މިއަދު އެއް ކަލަ ”ރޭޕް“ތަކުގެ މަތިން ގިނަ ބަޔަކު ހަނދާނެއް ނެތެވެ. ނަމަވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ތުއްތު ކުއްޖެ ނުވަތަ ކުޑަ ކުއްޖަކު ކޮންމެވެސް ”ޖަނަވާރެއް“ގެ ޖިންސީ ޝިކާރައަކަށްވެއެވެ. ރާއްޖޭގެ ދެކުނުގެ ރަށެއްގައި ތުއްތު ކުއްޖަކަށް، އެކުއްޖާގެ ކާފައާ މުނިކާފަ ކޮއްލިވަރުގެ ވާހަކައެވެ. އެއީ އިންސާނެއްގެ ލަނގޮޑިއަށް ކެތްވާ ވަރުގެ ވާހަކަތަކެއް ނޫނެވެ. އެކަމަކު އެކަންކަން ވަނީ ހަނދާނުން ކައްސާލާފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާ އަކުން ޖެހި ކުޑަ ކުއްޖެއް މަރުވި އެވެ. ކުއްލި އަކަށް މުޅި ޤައުމު ހޭލާ އެވާހަކަ ދައްކަން ފެށިއެވެ. އެމްޓީސީސީގެ ބަހަކުން ޖެހި ކުއްޖަކު މަރުވިއެވެ. ފަހުން އެކަންވެސް ދިޔައީ ތޮޅިއަށެވެ.
ދެންވެސް ދައްކަން ހުރީ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ހިމެނޭ މައްސަލަތަކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވިއައިއޭ) ގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްސީއެލް) އިން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް ދޫކުރުމުގައި އެ ކުންފުނިން އަމަލު ކުރަން ނިންމި ގޮތުގެ ވާހަކައެވެ. ހަމަ އެހެންމެ މިމަހުގެ ހަވަނަ ދުވަހު މާފުށީގައި ފަތުވެރިއަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތަކީ ވެސް ސަރުކާރާއި، ފުލުހުންގެ އިދާރާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެންދިޔަ ކަމެކެވެ. އަދި ބަރަހަނާ ހާލުގައި އެ އަންހެން މީހާ އެގޮތަށް އުޅުންވެސް އެތައް ބަޔަކު ކުއްވެރި ކުރިއެވެ. ސަރުކާރު ވައްޓާލަން ނުކުންނަވަރު އަރުވާލި އެމްޑީއެންގެ ރިޕޯޓުގެ ވާހަކަ ދެއްކި މީހުންގެ އަޑެއް ބަޑެއް ނީވެއެވެ.
ހަނދާނުން ފޮހެވިގެންދިޔަ އަނެއް ވާހަކައަކީ ބިދޭސީންގެ ވާހަކައެކެވެ. ޤާނޫނާއި ޚިލާފަށް އުޅޭ މީހުން ޤާނޫނީ އިމުގެ ތެރެއަށް ވައްދަން ފެށި މަސައްކަތް ކޮޅެއްގައި ނުޖެހި ހުއްޓުނެވެ. ދުވަސްކޮޅަކު އެކަމަށް ދިވެހިން ފާޑުކިޔެވެ. ހަމައެއާއެކު ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ވާހަކަތައް ސަރުކާރުން ސިއްރު ކުރަން ކުރި މަސައްކަތައްވެސް ފާޑު ކިޔަމުންދިޔައީ ހަމަ ރައްޔިތުންނެވެ. ނަމަވެސް މިހާރުވެސް އެކަމުގައި އެންމެ އެކށީގެންވާ މައުލޫމާތު ސަރުކާރުން ހިއްސާ ކުރޭތޯ މީ އުފެދޭ ސުވާލެކެވެ.
މިހުރިހާ ކަމެއް ބޯމަތީގައި އޮއްވައި ދެން ފެންމަތިވީ ވަޒީފާގެ ޤާނޫނަށް ހުށަހެޅުނު އިސްލާހުގެ މައްސަލައެވެ. މިހާރު އެ އަޑުވެސް ކެނޑިއްޖެއެވެ. ޑރ. ބިލާލް ފްލިޕްސް ގެނައުން ހުއްޓާލުމަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމް ދީނާއި ހިލާފު ވޯކްޝޮޕްތަކެއް ކުރިއަށް ގެންދާ ވާހަކަތަކެއްގެ ކަންބޮޑުވުންވެސް ފާޅުކޮށްލީ ދެތިން ގަޑި އިރަށެވެ. މިހާރަކު ކުރީގެ މިނިސްޓަރުގެ ޝިދާތާގެ އިހުމާލުގެ ވާހަކައާއި، ހިޝާނަށް ކުރެވުނު ތުހުމަތުގެ ވާހަކަ ދައްކާނެ މީހެއް ނެތެވެ. ދެން މާކަ ގިނަ ދުވަހެއްނުވެ މިހާރު ލީކުވަމުންދާ ވަޒީރުންނާއި ގުޅޭ ހުތުރު އޯޑިއޯ ކަންތައްވެސް ހަނދާނުން ފުހެވިގެން ހިނގައިދާނެއެވެ.

