ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ގިނަ ގޮންޖެހުންތައް ހައްލުކުރުމާއި އެފަދަ މައްސަލަތައް ދެނެގަނެ އެކަންކަމަށް ދާއިމީ ހައްލު ހޯދައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މިދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އަތޮޅުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު ޚިދުމަތް ދިނުމަށް ބޭނުން ކުރަމުން ގެންދާ އިމާރާތްތަކުގެ ޖާގައިގެ ދަތިކަން ކަމުގައި ފާހަގަކުރެވެއެވެ. އަދި މިދެންނެވި އިމާރާތްތަކަކީ ބަލިމީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް އެންމެ އެކަށިގެންވާ އިމާރާތްތަކެއް ނޫންކަން ފާހަގަކުރެވެއެވެ.
ނަތީޖާއެއްގެ ގޮތުން ޚިދުމަތް ދޭ ފަރާތްތަކާއި އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
އެގޮތުން އަތޮޅުތަކުން ދެވޭ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން މުޅިން އަލަށް ފަށަން ބޭނުންވާ ޑައިލިސިސް، ފިޒިއޮތެރަޕީ ފަދަ މުހިންމު ޚިދުމަތްތައް ފެށުމަށް ބޭނުންވާ ޖާގަ ނެތުމުގެ ސަބަބުންވަނީ ފެށޭގޮތް ނުވެފައެވެ. އަދި ގިނަ ހޮސްޕިޓަލްތަކަށް ޑޮކްޓަރުން ބޭނުންވާ މިންވަރަށް ލިބުނު ކަމުގައި ވިޔަސް މިދެންނެވި ޑޮކްޓަރުންނަށް، ޙިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށް ކޮންސަލްޓޭޝަން ރޫމްތައް ނެތުމުގެ ސަބަބުން އޯޕީޑީގެ ޚިދުމަތްތަކަށް ވެސް ނުހަނު ބޮޑު ގޮންޖެހުން ތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.
އެހެންކަމުން މިދެންނެވި މައްސަލަތަކަށް ދާއިމީ ހައްލު ހޯދުމަށް އަދުގެ ސަރުކާރުންވަނީ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭނެފަދަ ފަހުގެ އައު ހޮސްޕިޓަލްތަކެއް ޑިޒައިންކޮށް އެފަދަ ހޮސްޕިޓަލްތަކެއް އެޅުމަށް ނިންމާފައެވެ.
އެގޮތުން މިހާރު މުޅިން އަލަށް ގާއިމް ކުރުމަށްޓަކައި ނިންމާފައިވާ ހޮސްޕިޓަލުތަކުގެ ގޮތުގައި ހއ. އަތޮޅު ހޮސްޕިޓަލް ، ބ. އަތޮޅު ހޮސްޕިޓަލް އަދި ދ. ކުޑަހުވަދޫ ހޮސްޕިޓަލް ހިމެނިގެންދާ ކަމީ މި ދެންނެވި ތިން އަތޮޅުގެ ރައްޔިތުންނަށް މިއަދު ލިބިގެންދާނެ ވަރަށް ވެސް އުފާވެރި ހަބަރެކެވެ.
އެގޮތުން މި ތިން ހޮސްޕިޓަލްވެސް ފަރުމާކޮށްފައިވަނީ ޒަމާނާއި އެއްގޮތަށް ޖުމްލަ 55 އެނދުގެ ހޮސްޕިޓަލްތަކެއްގެ ގޮތުގައިކަން ފާހަގަކުރަމެވެ. މި ހޮސްޕިޓަލްތައް ޤާއިމްކޮށް ނިމޭއިރު އެ ތަންތާގައި ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި، 6 ޕްރައިވެޓްރޫމްގެ އިތުރުން 3 އެނދުގެ އެންއައިސީޔޫ، 3 އެނދުގެ އައިސީޔޫ، 2 އޮޕަރޭޝަން ތިއޭޓަރ އަދި 12 އެނދުގެ 8 ވޯޑު ހިމެނިގެންދާނެއެވެ. އަދި މީގެ އިތުރުންވެސް ޑައިގްނޯސްޓިކް ޚިދުމަތް ދިނުމަށް ބޭނުންވާ ތަހުލީލުތައް ހެދުމަށްޓަކައި ޖާގަ ތަނަވަސް ލެބޯރެޓަރީ، އެކްސްރޭ ރޫމް އަދި އަލްޓަރާ ސައުންޑް ސްކޭން ހެދުމަށް ބޭނުންވާ ޖާގަތައް ހިމެނިގެންދާނެއެވެ.
ހަމަ އެއާއި އެކު ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ބޭފުޅުންނަށް ހޮސްޕިޓަލްގައި ހޭދަވާ ވަގުތު ތަކުގައި ހޮސްޕިޓަލްއަކީ ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ވެގެންދާނެކަން ސަރުކާރުން ފާހަގަ ކުރައްވައެވެ.
އެގޮތުން ހޮސްޕިޓަލްތަކުގެ ޕްރިއިވެޓް ރޫމްތަކާއި ވެއިޓިންގް އޭރިއާތައް ފަރުމާ ކުރެވިފައިވާނީ މިދެންނެވި މަގްސަދުތައް ހާސިލްވާނޭހެން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި މަސައްކަތުގެ ހެޔޮ ނަތީޖާ ކައިރި މުސްތަގުބަލެއްގައި ފެނިގެންދާނެ ކަމުގައި ދެކެމެވެ. އަދި މިކަމުގެ ސަބަބުން ހއ. އަތޮޅު، ބ. އަތޮޅު އަދި ދ. އަތޮޅުގެ އިތުރުން މިދެންނެވި އަތޮޅުތަކާއި ކައިރި އަތޮޅުތަކުން ޞިއްޙީ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ވެސް މިކަމުގެ ލުއިފަސޭހަކަން ލިބި މިހާރަށްވުރެ ބޮޑުތަނުން ކުރިއަރައި، ދެވޭ ޚިދުމަތްތަކަށް ރައްޔިތުންގެ އިތުބާރު ލިބިގެންދާނެކަމަށް ދެކެމެވެ.

