ގެއްލުނު ފަތުރުވެރިން ހޯދުމަށް ކުރިއަށްދިޔަ ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން ނިޔާވި ސިފައިންގެ ޑައިވަރު، މަރްޙޫމް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީ، ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.
މަހުދީ ނިޔާވީ މިމަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރިން ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ ”ހައި ރިސްކު“ އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޯވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
މި އޮޕަރޭޝަނަކީ އަލިމަތާ ރިސޯޓު ކައިރިއަށް ޑައިވިންއަށް ދިޔަ ފަތުރުވެރިންތަކެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ފެށި މަސައްކަތެކެވެ. މި މަސައްކަތުގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވާ ކަނޑުގެ 60 މީޓަރު އަޑިން ކޭވްއެއްގެ ތެރެއިން ފެނިފައިވާއިރު، މި ނުރައްކާތެރި އޮޕަރޭޝަނުގައި އަށް ޑައިވަރުން ބައިވެރިވިއެވެ.
މަރްޙޫމް މަޙުދީގެ މޫނު ދެއްކުމާއި ކަށުނަމާދު ކުރިއަށް ގެންގޮސްފައިވަނީ އިސްލާމީ މަރުކަޒުގައެވެ. މަހުދީއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ކެބިނެޓުގެ ވަޒީރުންގެ އިތުރުން ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މަޙުދީގެ ސަންދޯއް އައު ސަހަރާއަށް ގެންގޮސްފައިވަނީ އެކަމަށް ޚާއްސަ ކޮށްފައިވާ ވެހިކަލްގައެވެ. ސަހަރާގައި އޮތް ރަސްމިއްޔާތުގައި މަހުދީގެ ޝަރަފުގައި 7 ބަޑީގެ ސަލާމެއް އަރުވާފައިވެއެވެ. މީގެއިތުރުން، މަރުހޫމްގެ ސަންދޯކުގައި އަޅާފައި އޮތް ޤައުމީ ދިދަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަހުދީގެ އާއިލާއާ ރަސްމީކޮށް ޙަވާލުކުރައްވާފައެވެ.
ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީގެ ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެފައިވަނީ އޭނާ ޤައުމީ ޚިދުމަތުގައި ދެއްކެވި ހިތްވަރާއި ފޯރުކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

